ޢިބްރަތްތެރި ވާހަކަ: ސުންނަތް ރޯދަހިފައި ރޭއަޅުކަންކުރަމުން އައި އަންހެނަކަށް ކައިވެނީގަ އިންތިހާއަށް އަނިޔާ ލިބެމުންދަނިކޮށް ތަނަވަސްކަމާ އުފާވެރި ދިރިއުޅުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޢިބްރަތްތެރި ވާހަކަ: ސުންނަތް ރޯދަހިފައި ރޭއަޅުކަންކުރަމުން އައި އަންހެނަކަށް ކައިވެނީގަ އިންތިހާއަށް އަނިޔާ ލިބެމުންދަނިކޮށް ތަނަވަސްކަމާ އުފާވެރި ދިރިއުޅުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑުގެ އަލަތު ކައިވެނިކުރެވުނީވެސް ތަނަވަސް މީހަކާއެވެ. އެކަމަކު އޭނާގެ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. ލޯބިވާކަމަށް ބުނެ އަހަރެއްހައި ދުވަހު އެކުގައި އުޅުމުންނެވެ. ނަމަވެސް ކައިވެންޏަށްފަހު އެކަންވީ ލިބުނު ބޮޑު ވޭނަކަށެވެ.  

ހަމައެކަނި ހިތްދަތިކުރުވަނީއެއް ނޫނެވެ. ދޫވެސް އެހައި ނުބައެވެ. ހިތަށް އަރާއިރަށް އަނިޔާކުރެއެވެ. ދައްކަނީ އަޅުގަނޑުގެ ޢާއިލާއަށް އެހީތެރިވާ ވާހަކައެވެ. ހީވަނީ އެޚަރަދުކުރަނީ އަޅުގަނޑު އަޅަކަށް ހަދައިގެން ގެންގުޅެން ކަމަށެވެ.  

އެޙާލުގައި އަހަރެއްހައިދުވަސް ފާއިތުވިތަނާ ވަރުއަރުވައިލި ރެއެކެވެ. ނުބައި ބަސްތައް ބުނެ އެއްޗެތި ގޮވައި އަނިޔާވެސް ކުރަނިކޮށް ގޭގެ ބެލް ޖެހުމުން މޫނު ފުހެލައި މާތް މީހަކަށް ހެދިގެން ދޮރުހުޅުވިއިރު ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.  

އަޅުގަނޑުގެ މޫނމަތީގައި ނޫފާގެންފައި އިންތަން ބުރުގާއިން ފޮރުވަމުން ދުރަށް ހިނގައިގަތްތަނާ ގޮވާފައި ބުނީ މަޑުކުރުމަށެވެ. ފުރަތަމަވެސް ފިރިމީހާއާއި ކުރި ސުވާލަކީ މިހައި ތަނަށް އަޅުގަނޑަށާ ޢާއިލާއަށް ކިތައް ރުފިޔާ ޚަރަދުކޮށްފިންތޯއެވެ؟ ފިރިމީހާ ޖަވާބު ނުދިނުމުން ބުނީ ގޭތެރޭގައި އެއިރު ހިނގި ކަންކަން އަޑުއިވުނު ކަމަށެވެ. ވީމާ މިގެއިން ނުކުންނާނީ އަޅުގަނޑު ގޮވައިގެން ކަމަށާއި ޚަރަދުކުރި ޢަދަދު ބުނެފިނަމަ ވަޤުތުން އެފައިސާ އަނބުރާ ދޭނެ ކަމަށެވެ.  

"އަހަރެން މިހާތަނަށް ހީކުރީ ކަލެއަކީ ވަރަށް މާތް މީހެއްކަމަށް. އެކަމަކު ކަލެއަކީ އިންށާނެއް ނޫން. މީހުންގެ ދަރިން ގެއަށް ގެނެސް ޖަނަވާރަށް ނުކުރާ އަނިޔާކުރީމާ ތިމާއަކީ އިންސާނަކަށްވޭތަ؟ މިރޭވެސް ދެމީހުން މިއުޅެނީ ބޮޑު ބައްދަލުވުމަކަށްދާން. އެތަނުގައި ކޯޓުލައިގެން އިންނަން ލަދެއް ނުގަންނާނަތަ؟ އެހެރީ އަހަރެންގެ އަނބިމީހާ. ކައިވެންޏަށް 5 އަހަރުވީ ދުވަހަކުވެސް ނުބައި ބަހެއް ބުނިތޯ؟ ގައިގަ ލޯބިން ނޫން ގޮތަކަށް އަތް ޖައްސައިލިތޯ އަހާބަލަ!"

އެހެން ބުނެފައި އަޅުގަނޑުގެ ގާތުގައި ބުނީ އޭނާގެ ކާރުގައި ގެއަށް ދިއުމަށެވެ. ފިރިމިހާއަށް ވިސްނި ލޯބިން ގެންގުޅެން ބޭނުންވެގެން ބަލައި ނުދަނީސް އެނބުރި ނައުމަށެވެ. 3 ދުވަސް ތެރޭ ބަލައިނުގޮސްފިނަަމަ ވަރިވުމަށެވެ. ދިރިއުޅެވޭނެ މަގެއް ފެންނަންދެން ހުރިހާ ޚަރަދެއް ބަލަހައްޓާނެ ކަމަށްވެސް ބުންޏެވެ. ލިބުނު ފުރުޞަތުގެ ބޭނުންހިފައި ގެއަށްދިއައީއެވެ. ކޯޓަށް ފޯމުލައިގެން ވަރިވީ މަސްދުވަހު އިންތިޒާރުކޮށްފައެވެ.  

އެއެކުވެރިޔާ އަޅުގަނޑުގެ ކިބައިން އެއްވެސް ކަމަކު ނުއެދެއެވެ. އަޅުގަނޑު ކުރާހިތްވާ ވިޔަފާރިއަކީ ކޮބައިތޯ ސުވާލުކުރުމުން އަންހެނުންގެ އެއްޗެތި ވިއްކާ ފިހާރައެއް ހިންގުން ކަމަށްބުނީމާ އަޅުގަނޑަށް ކުޑަ ފިހާރައެއް ހުޅުވައިދިނެވެ. އަދި ކެޕިޓަލަކީ ހަދިޔާއެއް ކަމަށްވެސް ބުންޏެވެ. އެންމެ އުފާވީ ވާހަކަދައްކަން އަންނައިރު އޭނާގެ އަނބިމީހާވެސް ގޮވައިގެން އަންނާތީއެވެ.  

ކަންކަން ދިމާވިގޮތުން ދެވަނަ ކައިވެނި ކުރެވުނީ އޭނާގެ ހަގު ކޮއްކޮއާއިއެވެ. އެކަންކަން ހަމަޖެއްސީ އޭނާގެ އަނބިމީހާއެވެ. ކައިވެނިކުރީވެސް ލޯބީގެ ކުޅިގަނޑެއް ނުކުޅެއެވެ. އެކަހެރިކޮށް ބައްދަލުވެސް ނުކޮށެވެ.  

ދެވަނަ ކައިވެންޏަށް 7 އަަހަރުވީއެވެ. ފިރިމީހާއަކީ ހަމަ އޭނާގެ ބޭނެ ފަދަ މާތް މީހެކެވެ. އަދި މިހައިތަނަށް ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. 

ނިންމާލަމުން މިބުނަނީ މިކަންކަން މިހާރަނގަޅަށް ހަމަޖެހުނު ސަބަބުކަމަށް އަޅުގަނޑަށް ވިސްނޭ ކަންތަކެވެ. ޢުމުރުން 20 އަަހަރުން ފެށިގެން ސުންނަތް ރޯދަ ހިފަމެވެ. ރޭއަޅުކަންކުރަމެވެ. ފުރަތަމަ ކައިވެނީގައި އެހުރިހާ ނިކަމެތިކަމެއް ލިބެމުން ދިއައިރުވެސް ދުވަހަކުވެސް ހިލޭ ފިރިހެނަކާ ވާހަކަވެސް ނުދައްކަމެވެ.  

މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތެވެ. ޢިބްރަތެއްވާނަމަ ޙާޞިލުކުރައްވާށެވެ!

 

- ޝަމްރަތު / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން