ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރާއިރު އިޤްތިސާދީ ފުރުޞަތުތައް ފަހިކޮށްދޭނެ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރާއިރު އިޤްތިސާދީ ފުރުޞަތުތައް ފަހިކޮށްދޭނެ: މާލީ ވަޒީރު

ސަރުކާރު ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މުވައްޒަފުން މަދުކުރަން ޖެހޭ ހާލަތްތަކުގައި އެ ފަރާތްތަކަށް އިޤްތިސާދީ ދާއިރާގެ ތެރެއިން އައު ފުރުޞަތުތައް ހޯދައިދިނުމަށް ޚާއްސަ ފަންޑުތަކެއް ކަނޑައަޅާފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލް ފަންޑުގެ ދަށުން 250 މިލިޔަން ރުފިޔާ ދޫކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. މިއީ ކުންފުނިތަކުގެ ރިފޯމް ޕްރޮގްރާމްގެ ދަށުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މާލީ ވަޒީރު ވިދާޅުވީ، "މިހާރު ސަރުކާރު ކުންފުނިތަކުން މީހުން މަދުކުރަން ބަލާއިރު އެމީހުންނަށް އިކޮނޮމީގައި އެންގޭޖްކުރެވޭނެ ގޮތްތައް ފަހިކުރުމަށް ދަނީ މަސައްކަތް ކުރަމުން. އެގޮތުން 250 މިލިޔަން ރުފިޔާގެ އިތުރަށް 450 މިލިޔަން އެބައުޅޭ ކުރިއަށް އޮތް 3 ނޫނީ 6 މަސް ދުވަހުގެ ތެރޭގައި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" ކަމަށެވެ.

މި މަސައްކަތްތައް ހަރުދަނާކޮށް، ކަނޑައެޅިފައިވާ ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ ބޭނުމަކީ ކުންފުނިތަކުން ވަކިވާ މުވައްޒަފުންނަށް އަމިއްލަ މަސައްކަތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ސަރުކާރުން މިހާރު ދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި އިސްރާފުތައް ނައްތާލުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ކުންފުނިތަކުގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މުވައްޒަފުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މިއަދު އޮންލައިން