ރާއްޖޭގައި އިންވެސްޓުކުރާ ޗައިނީސް އޮންޓަރޕްރިނިއަރުންނަށް ވެސް ހަރަކާތްތެރިވެވޭނީ ވަކިޝަރުތުތަކެއްގެ ދަށުން: ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ރާއްޖޭގައި އިންވެސްޓުކުރާ ޗައިނީސް އޮންޓަރޕްރިނިއަރުންނަށް ވެސް ހަރަކާތްތެރިވެވޭނީ ވަކިޝަރުތުތަކެއްގެ ދަށުން: ސައީދު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންވެސްޓުކުރާ ޗައިނާގެ އޮންޓަރޕްރިނިއަރުންނަށް ވެސް ހަރަކާތްތެރިވެވޭނީ ވަކި ޚާއްސަ ޝަރުތުތަކެއްގެ ދަށުން ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ހިދުމަތުގެ ދާއިރާ ނުވަތަ ސާވިސް ޓްރޭޑް އެއްބަސްވުމުގެ ދަށުން ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. މެމްބަރު އަމީން ސުވާލު ކުރެއްވީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ސިޔާސަތުގައި ބިދޭސީންނަށް ބަންދުކޮށްފައިވާ ދާއިރާތައް ޗައިނާގެ ކުންފުނިތަކަށް އެއްވެސް ޝަރުތެއް ނެތި ހުޅުވާލާފައިވޭތޯ އާއި، އެކަމުގައި ކުދި ވިޔަފާރިތަކާ މަޝްވަރާކުރިތޯއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ 2015 ވަނަ އަހަރު މަޝްވަރާކޮށް 2017 ވަނަ އަހަރު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދީފައިވާ ކޮމިޓްމަންޓްތަކާއި، ފަހުން ޝާއިއުކުރި ފޮރިން އިންވެސްޓްމަންޓް ޕޮލިސީތަކާ ދެމެދު ބައެއް ތަފާތުތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އާންމު އުސޫލުން ދިވެހިންނަށް ހާއްސަކުރެވިފައިވާ ރެސްޓޯރެންޓް ވިޔަފާރި ފަދަ ދާއިރާތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ހަރަކާތްތެރިވެވޭނީ ވަކި މިންގަނޑުތަކެއް ފުރިހަމަވެގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ ފްރެންޗައިޒްތަކަށް ފޮރިން އިންވެސްޓްމަންޓް ސިޔާސަތުގެ ދަށުން ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮވެއެވެ،" މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ބައެއް ރިސޯޓްތަކާއި އެއާޕޯޓް ހިންގާ ސަރަހައްދުތަކުގައި ވެސް މިފަދަ ފްރެންޗައިޒްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުން އެނގިގެންދިޔައީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ލުއިތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން ވަކި ޝަރުތުތަކެއްގެ ތެރެއިން އިންވެސްޓްމަންޓްތައް ބައްޓަންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމެވެ.

މިއަދު އޮންލައިން