ޤާނޫނުއަސާސީއަށް އިތުރު އެއްވެސް އިސްލާހެއް ގެނައުމަށް ސަރުކާރުން މިހާރު ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުން ސާބިތުވެގެންދިޔައީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެ ނިންމުމަށް އިޙުތިރާމްކޮށް، ކުރިއަށް އޮތްތަނުގައި ޤާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ރައީސް ސާފުކޮށްދެއްވިއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ޤަބޫލުކުރާ ކަމެއް ނޫނޭ، ނުވަތަ އެހާބޮޑަށް ފޭވަރ ކުރާ ކަމެއް ނޫންކަން. އެހެންވީމަ ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތްތާނގައި ގެންނާކަށް އަޅުގަނޑުމެން ނުވިސްނަން ދެނެއް." ކަމަށެވެ.
ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ޤާނޫނުތަކަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން އަބަދުވެސް ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށެވެ.
މީގެ އިތުރުން، މިއަދާ ހަމައަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކަކީވެސް ރައްޔިތުން ބޭނުންވާ، ޤައުމުގެ މަސްލަޙަތާ ގުޅިފައިވާ މުހިންމު އިސްލާހުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.