ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކޮށްފައިވާ ރީތިގަސް ރެސިޑެންސްގައި ވިޔަފާރި ބޭނުންތަކަށް ދޫކުރާ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ރީތިގަސް ރެސިޑެންސްގެ އިމާރާތުން ވިޔަފާރި ބޭނުންތަކަށް ޖުމްލަ ތިން ޖާގައެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބުކްޝޮޕެއް ހިންގުމަށް ދޫކުރާ 1,031 އަކަފޫޓުގެ ޖާގައަކާއި، ސެލޫނެއް ހިންގުމަށް ދޫކުރާ 1,463 އަކަފޫޓުގެ ޖާގައެއްގެ އިތުރުން ވެލްނެސް ސެންޓަރެއް ހިންގުމަށް ހާއްސަ 1,913 އަކަފޫޓުގެ ޖާގައެކެވެ.
ރީތިގަސް ރެސިޑެންސްއަކީ އެޗްޑީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 6 ޓަވަރެއްގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ބިނާކޮށްފައެވެ. މި ވިޔަފާރި ޖާގަތަކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ އަދި އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުވާލެވޭ ޖާގަތަކެކެވެ.
މި ޖާގަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން ވަނީ ވަކި ސުންގަޑިތަކެއް ކަނޑައަޅާފައެވެ. އެގޮތުން ބުކްޝޮޕް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. ސެލޫން ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު އޮތްއިރު، ވެލްނެސް ސެންޓަރު ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެޗްޑީސީން ދަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ވިޔަފާރީގެ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިގޮތުން އަލަށް އާބާދުވާ ސަރަހައްދުތަކުގައި ވިޔަފާރިތަކަށް ޚާއްސަ ޖާގަތައް ކަނޑައަޅައި، އެކަންކަމަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.