ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ދޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ދޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ. މި ދުވަސް ރާއްޖޭގައިވެސް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، މިއަހަރުގެ ދުވަހާ ގުޅުވައިގެން "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ގެ ނަމުގައި އިނާމެއް ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން ވިދާޅުވި ގޮތުގައި މި އިނާމު ދިނުމުގެ މައިގަނޑު މަގްސަދަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމެވެ. މީގެ އިތުރުން ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިއީ ލިބޭ ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އެ އެޖެންސީން ދެކެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ފަރުދުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން އެކި އިދާރާތަކަށެވެ. ވަކީން ހާއްސަކޮށް އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިއާރާ ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރުމަށްފަހު، އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މިއަދު އޮންލައިން