އެފްޑީސީގެ ފްލެޓްތަކުގައި ހިމެނޭ ފުރަތަމަ ފިހާރަ މި މަހު ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެފްޑީސީގެ ފްލެޓްތަކުގައި ހިމެނޭ ފުރަތަމަ ފިހާރަ މި މަހު ހުޅުވަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގައި ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ ޖާގަތަކުގެ ތެރެއިން ފުރަތަމަ ފިހާރަ މި މަހުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މިއީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އެފްޑީސީގެ އަމާން ދޯދި އަދި އަމާން އުދަރެސް މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 32 ޓަވަރުގައި ކޮމާޝަލް ބޭނުންތަކަށް ޖުމުލަ 127 ޖާގައެއް ވަނީ ޚާއްސަކޮށްފައެވެ. މި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. އެހެންކަމުން، މިހާރު އެންމެ މުހިންމު އިސްކަމެއް ދެނީ އެ ސަރަޙައްދުގައި އާންމު ޚިދުމަތްތައް ޤާއިމުކުރުމަށް ކަމަށް އެފްޑީސީން ބުނެއެވެ.

އެފްޑީސީން ވިދާޅުވި ގޮތުގައި ވިޔަފާރި ޔުނިޓްތައް ދޫކޮށްފައިވަނީ ޖުމުލަ 6 ޒޯނަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވުމަށް ތައްޔާރުވަމުންދަނީ ނިރޮޅުމަގު ޒޯން 1 ގެ ޓަވަރެއްގައި ހިމެނޭ ފިހާރައެކެވެ. މި ޔުނިޓްތައް ވިޔަފާރިތަކަށް ދޫކުރުމަށް ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

މި މަޝްރޫޢުގެ ދަށުން ކޮންމެ ސަރަޙައްދަކަށްވެސް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. އަދި މީހުން ދިރިއުޅޭ ތަންތަނުން ހިނގާފައި 10 މިނެޓުން ދެވޭހާ ގާތުގައި ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓުތައް ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ކެފޭ އާއި ރެސްޓޯރަންޓްގެ ޚިދުމަތް ދިނުމަށް ޚާއްސަ ޔުނިޓްތަކެއް ވެސް މި 127 ޖާގައިގެ ތެރޭގައި ހިމެނޭ ކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ. މި ޚިދުމަތްތައް ފެށުމާއެކު، ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން