ޓީޓީ ހެދުމަށް ޑޮލަރު ދޫކުރުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޓީޓީ ހެދުމަށް ޑޮލަރު ދޫކުރުން ހުއްޓާލިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރަމުންއައި ޑޮލަރުގެ އެހީ ދޫކުރުން ހުއްޓާލައިފިކަމަަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ހިލާފު ދޮގު ޚަބަރުތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިކަމާގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިންވެސް އަމަލުކުރަމުން އައި އުސޫލުގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުންދާ ކަމަށެވެ.

ބޭންކުން ހާމަކުރި ގޮތުގައި، ޓީޓީ ހެދުމަށް އެދިފައިވާ އެއްވެސް ފަރާތަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށް ނުދެވި ނޯންނާނެއެވެ. ނަމަވެސް، ބައެއް ވިޔަފާރިތަކުން ބޭނުންވާ ޖުމްލަ އަދަދަށް ޑޮލަރު ދޫނުކުރެވި ހުރުން އެކަށީގެންވާކަން ބޭންކުން ފާހަގަކުރެއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބޭންކަށް ލިބޭ ބޭރު ފައިސާއަށްވުރެ ބޭރަށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްވަރު އިތުރުވެފައިވާ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް 106.2 މިލިއަން ޑޮލަރު ބޭންކުން ވަނީ ވިއްކާފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ އެވްރެޖް މަހަކު 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ %142 އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއަހަރުގެ މިހާތަނަށް 38,855 ޓީޓީއަށް ބޭރުފައިސާ ފޯރުކޮށްދީފައިވެއެވެ. އަދި މި ހިނގާ އޭޕްރީލް މަހު އެކަނިވެސް 6,800 އަށްވުރެ ގިނަ ޓީޓީ ފޮނުވުމަށް އެހީތެރިވެފައިވާއިރު، އިއްޔެ އެކަނިވެސް 327 ޓީޓީއަކަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަން ބޭންކުން ފާހަގަކުރެއެވެ.

ބޭންކުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބޭންކުގެ މުއާމަލާތްތަކާ ގުޅޭ ސައްހަ މައުލޫމާތު ދެވޭނީ ހަމައެކަނި ބޭންކަށް ކަމަށެވެ. އެހެންކަމުން، ކަސްޓަމަރުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ޒިންމާދާރުކަމެއް ނެތި ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ބޭންކުން ބުނެފައިވެއެވެ. ބީއެމްއެލް އިން ތުހުމަތުކުރި ގޮތުގައި މިއީ ބޭންކަށް އޮންނަ އިތުބާރު ކުޑަކުރުމަށްޓަކައި ބައެއް ނޫސްތަކުން ފަތުރަމުންދާ ސިލްސިލާ ދޮގު ވާހަކަތަކުގެ ބައެކެވެ.

މިއަދު އޮންލައިން