އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ޤާނޫނީ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވިފައިވާ ކަމަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ޑިޖިޓަލް ދާއިރާއިން ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލަކާއި، ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއްގެ އިތުރުން ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލެކެވެ.
މި ތިން ބިލުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ ޚާއްޞަ ބިލެއް ވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނަށް ދާއިރު ރާއްޖެއަކީ ކުރީ ސަފުގައި އޮތް ޤައުމަކަށް ވާން ބޭނުންނަމަ އޭއައި ބަލައިގަންނަން ޖެހޭ ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް ޑިޖިޓަލައިޒޭޝަނަށް ދާއިރު އަޅުގަނޑުމެން ސަފުގައި ކުރީގައި ތިބޭ ކަމަށްވަންޏާ އެމްބްރޭސް ކުރަން ޖެހޭ ކަމެއް އޭއައި އަކީ. އޭއައި އެމްބްރޭސް ކުރާއިރު އޭއައި އަކީ ޤާނޫނީ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރާ ނޫނީ އެއާއި ގުޅޭ ކަންކަން ކުރެވިފައި އޮންނަ ކަމަކަށް ވާންޖެހޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މުޅި ދައުލަތް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މި މަސައްކަތުގެ ތެރެއިން އޭއައި ރެގިއުލޭޓް ކުރުމަށް ހުށަހަޅާ ޤާނޫނަކީ ރާއްޖޭގެ ޑިޖިޓަލް ވެށި ރައްކާތެރިކަމާއެކު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.