ކެންސަރަށް ފަރުވާ ދިނުމާއި ރޭޑިއޭޝަން ޗެމްބަރ ހިމެނޭ މަލްޓިސްޕަޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކެންސަރަށް ފަރުވާ ދިނުމާއި ރޭޑިއޭޝަން ޗެމްބަރ ހިމެނޭ މަލްޓިސްޕަޝަލިސްޓް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކެންސަރަށް ފަރުވާ ދިނުމުގެ ނިޒާމާއި ރޭޑިއޭޝަން ޗެމްބަރ ހިމެނޭހެން މަލްޓިސްޕަޝަލިސްޓް ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށަންނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތަކާއި ފައިސާ ހަމަޖެއްސުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިއަހަރުގެ މެދުތެރޭގައި މި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ހޮސްޕިޓަލަކީ ކެންސަރު ބައްޔަށް ފަރުވާ ދިނުމުގެ ޚާއްސަ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނެކެވެ. "މި މަލްޓިސްޕަޝަލިޓީ ހޮސްޕިޓަލުގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި ބެހޭ ޚާއްސަ ޑޮކްޓަރުންގެ ޑިޕާޓްމަންޓުވެސް ހިމެނޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގައި އައު އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ މަޝްރޫޢެކެވެ. އެކަން ނިމުމާއެކު އެ އިމާރާތުގެ މަސައްކަތްވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި މިހާރު ޕްރޮޕޯސަލްތައް ލިބެމުންދާ ކަމަށެވެ. އަދި ސަރުކާރުގެ މި ދައުރުގެ ތެރޭގައި މި ހޮސްޕިޓަލް ފެންނާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ހުޅުމާލޭގައި 500 އެނދުގެ މަލްޓިސްޕަޝަލިސްޓް ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާން ކުރައްވާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް، ޚާއްސަ ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން