2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނުގައި މާލޭގައި ބިނާކޮށްފައިވާ "ސުނާމީ ބިނާ މައިޒާން" މަރާމާތު ކުރުމަށްފަހު އަލުން އާންމުންނަށް ހުޅުވާލައިފިއެވެ. މި މައިޒާނަކީ ދިވެހި ތާރީޚުގެ ހިތާމަވެރި ބާބެއްގެ ހަނދާންތައް އާކޮށްދޭ މުހިންމު ބިނާއެކެވެ.
މި މަޝްރޫއާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ، މަރާމާތަށްފަހު މިހާރު އެ ސަރަހައްދަކީ އާއިލާތަކަށާއި، ކުޑަކުދިންނަށް އަދި އުމުރުން ދުވަސްވީ މީހުންނަށްވެސް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ މައިޒާނެއް ކަމަށެވެ. އަދި އެތަނަކީ މޫދުގެ ހިތްގައިމު މަންޒަރުތައް ބަލާލުމަށްވެސް އެކަށީގެންވާ ތަނެއްގެ ގޮތުގައި އެމްޓީސީސީން ފާހަގަކުރެއެވެ.
ސުނާމީ ބިނާ މައިޒާން ބަންދުކުރުމަށްފަހު، ބޮޑެތި ބަދަލުތަކާއެކު މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. މި މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަކީ އެ ކުންފުންޏަށް ލިބުނު ފަޚުރެއް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
"ސުނާމީ ބިނާ މައިޒާނަކީ އަޅުގަނޑުމެންގެ ތާރީޚުގެ މުހިންމު ބާބެއް ރަމްޒުކޮށްދޭ ތަނެއް. މިހާރު އެތަނަކީ ހުރިހާ ފަރާތްތަކަށްވެސް ހިތްހަމަޖެހުމާއެކު ވަގުތު ހޭދަކުރެވޭނެ އަމާން މާހައުލެއް،" އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
މި މަރާމާތާއެކު މައިޒާނުގެ ފެންވަރު ރަނގަޅު ކުރެވި، އާންމުން ބޭނުންކުރުމަށް އިތުރު ފަސޭހަތަކެއް ވަނީ ގާއިމުކުރެވިފައެވެ. ސުނާމީ ބިނާ ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު ހަވީރު ގަޑީގައި ހިތްއުފާކޮށްލުމަށް ޒިޔާރަތްކުރާ މަގުބޫލު ސަރަހައްދެކެވެ.