މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 497 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 26.9 އިންސައްތަ އިތުރު އަދަދެކެވެ.
ބީއެމްއެލުން ހާމަކުރި ގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ބޭންކުގެ އާމްދަނީ 1.24 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވަނީ ލޯނާއި ފައިނޭންސިންގެ އިތުރުން ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.
ބޭންކުގެ ބެލެންސްޝީޓަށް ބަލާއިރު، މި ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު 40.7 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު ވަނީ 27.6 ބިލިޔަން ރުފިޔާއަށް އަރާފައެވެ.
ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާއެކު، އާމްދަނީއާ އަޅާބަލާއިރު ޚަރަދު ހުރި މިންވަރު ދައްކުވައިދޭ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅު ކުރެވިފައެވެ. މިއީ ބޭންކުގެ ހިންގުމުގެ ހަރަދުތައް ހަރުދަނާކަމާއެކު މެނޭޖްކުރެވޭކަމުގެ ހެއްކެކެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލުން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގެނައުމަށާއި ވިޔަފާރި ބޭނުންތަކަށް 106.2 މިލިޔަން ޑޮލަރު ވިއްކާފައެވެ. މިއީ އެވްރެޖްކޮށް މަހަކު 35.4 މިލިޔަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މަހަކު އެވްރެޖްކޮށް ވިއްކާފައިވަނީ 14.6 މިލިޔަން ޑޮލަރު ކަމަށްވާއިރު، މިއީ 142 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ވަރުގަދަ މިންވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކުރަމުން، ބީއެމްއެލުން ބުނީ މިއީ ބޭންކަށް މާލީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވުނު ކުއާޓަރެއް ކަމަށެވެ.