މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރާތީ އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި

ބައެއް ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވާހަކަދައްކާ، މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުތަކުގައި މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި، މީޑިއާ މެދުވެރިކޮށް އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުމަށް މަގުފަހިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރެއިން ބޭނުންކުރަންޖެހޭ ހައްގެއްކަން ފާހަގަކުރަމުން އެޗްއާރުސީއެމުން ވިދާޅުވީ، "އަނެކާއަށް އިޙްތިރާމް ކުޑަނުވާނެ ގޮތަށް އެހައްގުގެ ބޭނުން ހިފަންޖެހޭނެ" ކަމަށެވެ. ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކަކީ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ކަންކަމަށް ވެގެންނުވާނެ ކަމަށްވެސް އެ ކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.

އެޗްއާރުސީއެމުން އިތުރަށް ވިދާޅުވީ، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމަކީ ގާނޫނުއަސާސީއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫހާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އެހެންކަމުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ޚިޔާލުފާޅުނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. ހަމައެއާއެކު، ގަވައިދާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން އެދިފައިވެއެވެ.

އެޗްއާރުސީއެމުން ވަނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން