ގަވާއިދާ ހިލާފަށް ބޭރު ފައިސާ ހޯދާ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ހޯދާ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގަވާއިދާ ހިލާފަށް، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ އަތުން ބްލެކް މާކެޓުގައި ބޭރު ފައިސާ ހޯދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރުދަނާކޮށް ރެގިއުލޭޓް ކުރެވޭ މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކުން އަބަދުވެސް އަމަލުކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ.

މިއަދު ޝާއިއުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިއަން ޔޫ.އެސް ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި، ޒަރޫރީ މުދަލާއި، އަދި ވިޔަފާރީގެ ބޭނުންތަކަށް އިމްޕޯޓް ކުރުމަށް ހާއްސަކޮށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ ވިއްކާފައެވެ. ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި މިންވަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މި ތަފާސްހިސާބުތަކަކީ ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އޮތް ރައްދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި ރާއްޖެއާއި ބޭރު ގައުމުތަކާ ގުޅުވައިދޭ ޕޭމަންޓް ސިސްޓަމްގެ މައިބަދައެވެ. ސަޢީދު ވިދާޅުވީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓް ހަރުދަނާ ކަމަށާއި، ބޭންކުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ބޭނުންތައް ފުއްދައިދިނުމަށް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އާންމުކުރި ނަތީޖާތަކުން ފެންނަ ފަދައިން، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާކޮށެވެ. އަޅުގަނޑުމެން ދެމިތިބޭނީ ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައެވެ," ސަޢީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން