އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގަ މަގުމައްޗަށް ދަރިފުޅު ދޫކޮށްލި މަންމައަކަށް މިލިއަނަރަކަށްވުމަށް ލިބުނު ފުރުޞަތު ގެއްލި ޢުމުރަށް ހިތާމަކުރަންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގަ މަގުމައްޗަށް ދަރިފުޅު ދޫކޮށްލި މަންމައަކަށް މިލިއަނަރަކަށްވުމަށް ލިބުނު ފުރުޞަތު ގެއްލި ޢުމުރަށް ހިތާމަކުރަންޖެހުނު ގޮތުގެ ވާހަކަ-

އޭނާ ކައިވެނިކުރީ 18 އަހަރުގައެވެ. 19 އަހަރުގައެވެ. 19 އަހަރުގައި ދަރިއަކު ލިބިއްޖެއެވެ. 20 އަހަރުގައި ފިރިމީހާ ފިލައިފިއެވެ. އެއިގެ ފަހުން ޢޭނާއަށް ހުރީ ކައިވެނިކުރެވޭނެ ގޮތް ނުވެފައެވެ. އޭނާއަށް ވިސްނެނީ އެއީ ދަރިފުޅުގެ ސަބަބުން ކަމަށެވެ.

އެހެންވެ އެއްދުވަހެއްގެ އިރުއޮއްސުނު ވަޤުތު ގެއާއި ވަރަށް ދުރު ހިސާބެއްގެ މަގުމަތީގައި ދަރިފުޅު ބަހައްޓާފައި ފިލީއެވެ. ކުޑައިރުކޮޅަކު މަޑުކޮށްލަން ބުނެފައި ދިއަގޮތަށް މަންމަ އެނބުރި ނުއަންނާތީ ދަރިފުޅު މަގުމަތީގައި ރޯންހުރިތަން ފެނިގެން މީހަކު ގޮސް ސުވާލުކުރުމުން މަންމަ ކަންތައްކުރި ގޮތް ކިޔައިދިނީމާ އޭނާ ދިއައީ ދަރިފުޅު ގޮވައިގެންނެވެ. ކުދިންދެކެ ލޯބިވާ އަޚްލާޤް ރަނގަޅު އަންހެނަކު ގެއަށް ގެނެސް ރަނގަޅު މުސާރައެއްދީފައި ކުއްޖާ ބެލެހެއްޓުން ޙަވާލުކުރުމުން މައަކުފަދައިން އޭނާ ގެންދިއައީ ކުއްޖާ ބަލަމުންނެވެ.  

ކުއްޖާއަކީ ތޫނުފިލި މޮޅު ކުއްޖެކެވެ. ސްކޫލުން ވަނަތައްވެސް ހޯދައެވެ. އެހެންވެ ކުއްޖާދެކެ އޭނާ (ސަލީމް) ވަރަށް ލޯބިވެއެވެ. އަންހެންމީހާވެސް ވަރަށް ލޯބިވެއެވެ. އެހެންވެ ކުއްޖާ ހުންނަނީ ވަރަށް އުފަލުންނެވެ.  

ކުއްޖާއަށް 7 އަހަރުގައި ސަލީމް އަންހެނަކުދެކެ ލޯބިވިއެވެ. ކައިވެނިކުރަން ބޭނުންވިއެވެ. އެހެންވެ އެއްރޭ ގެއަށް އައުމަށް ދަޢުވަތުދިނުމުން އޭނާ ދިއައިރު ސަލީމް އަގުބޮޑު ސޯފާގައި އިނީ ކުއްޖާ އުނގަށް ލައިގެންނެވެ. ކައިރީގައި ކުއްޖާ ބަލަހައްޓާ އަންހެންމީހާވެސް އިނެވެ.  

މޭކަޕްކޮށް ހެދުންލައިގެންހުރި ގޮތުން ދަރިފުޅަށް ނުއެނގޭނެކަމަށް ހީކޮށް ގޮސް އިށީންތަނުން ދަރިފުޅު ސަލީމް އާއި ސުވާލުކުރިއެވެ. "ބައްޕާއެވެ! މިއީ ކޮން އަންހެނެއްހެއްޔެވެ؟ އަޅުގަނޑުގެ މަންމައާއި ހާދަ ވައްތަރެވެ. މަންމަ އެއައީ އަޅުގަނޑު ގެންދަން ކަމަށްވިޔަސް އަޅުގަނޑު މަންމައާއެކު ނުފޮނުވާށެވެ! މަންމަ ފިލާނެއެވެ! މިމަންމަ އަޅުގަނޑުދެކެ މާލޯބިވެއެވެ. އަޅުގަނޑު ދޫކޮށްލާފައި ނުވެސްފިލާނެއެވެ. ދުވަހަކުވެސް ތިއަ ބައްޕައާއި މަންމައާއި ވަކިވާކަށް ބޭނުމެއް ނޫނެވެ." ބޮޑު ކުއްޖަކު ދެއްކި ވާހަކަތަކެއްފަދައެވެ. ހީވަނީ އެފަދަ ވަޤުތަކަށް ކުއްޖާ ކުރިންސުރެ ސިކުނޑި ތައްޔާރުކޮށްގެން ހުރެފައި ބުނި ބަސްތަކެއްހެންނެވެ.   

އެހިސާބަށް ބުނާއިރަށް އަންހެންމީހާ ތެދުވެ ދުވަމުން ގެއިން ނުކުމެގެން ހިނގައްޖެއެވެ. އޭނާ އެންމެ ބޮޑަށް ޙައިރާންވީ ދަރިފުޅު ދޫކޮށްލުމަށްފަހު އަވަށްވެސް ދޫކޮށްލައި ދުރުއަވަށަކަށް ދިއުމުންވެސް އޭނާކުރި ކުށް ބޭޒާރުވީތީއެވެ. އެންމެ ދެރަވީ ސަލީމަށް ގުޅާގުޅައިވެސް ފޯނުނުނެގީމައެވެ. މިލިއަނަރެއްގެ އަންތބަކަށްވުމަށް ލިބުނު ފުރުޞަތު ގެއްލުނީތީއެވެ.  

ސަލީމް އެހިސާބުން އޭނާގެ ވިސްނުން ބަދަލުކޮށް ކުއްޖާ ބަލަހައްޓަން ގެއަށް ގެނައި އަންހެން މީހާއާއި ކައިވެނިކުރީއެވެ. ކުއްޖާއާއިއެކު އުފަލުގައި އުފަލުގައި ދިރިއުޅުނީއެވެ. އަމިއްލަ ދަރިން ލިބުމުންވެސް ކުއްޖާއާއިމެދު ދެކެމުން އައީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ދަރިން އެގޮތަށް މަގުމައްޗަށް ދޫކޮށްލުމަކީ ވަރަށް މަދުން ނޫނީ ކުރާކަމެއް ނޫނެވެ. އެކަންކުރެވޭ މައިންނަށް ޢިބްރަތަކަށްވާނެ ކަމަށް ހީކުރަމެވެ.  

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން