ޢިބްރަތްތެރި ވާހަކަ: ގޭގަ ގެންގުޅެން ބޭރުން ގެންނަ ޒުވާންކުދިން ފައިސާހޯދަން ނުކުރާނެ ކަމެއް ނުއޮންނާނެ! އޮތީ ފިރިމީހާގެ ފިޔަވަޅުތަކަށް ސަމާލުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ޢިބްރަތްތެރި ވާހަކަ: ގޭގަ ގެންގުޅެން ބޭރުން ގެންނަ ޒުވާންކުދިން ފައިސާހޯދަން ނުކުރާނެ ކަމެއް ނުއޮންނާނެ! އޮތީ ފިރިމީހާގެ ފިޔަވަޅުތަކަށް ސަމާލުވުން!

އަޅުގަނޑުމެންގެ ގޭގަ ގެންގުޅެން ބޭރުން 2 ކުދިން ދެފަހަރުމަތިން ގެނެވިއްޖެއެވެ. ފުރަތަމަ ކުއްޖާ ފޮނުވާލަންޖެހުނީ ޅިޔަނާއި ގުޅުން ހިންގީމައެވެ. ދެވަނަ ކުއްޖާ ފޮނުވާލަންޖެހުނީ ފިރިމީހާއާއި ގުޅުންހިންގާކަން އެނގުނީމައެވެ.

ދެމަފިރިންވެސް ވަޒިފާއަށްދާތީ ނޯކަރުން ގެންގުޅެން އެބަޖެހެއެވެ. ޙައްލަކީ ކޮބައިތޯ؟  

ތިއައީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ޢާންމުވަމުން އަންނަ ކަމެކެވެ. ގިނަ ކައިވެނިތަކެއް ރޫޅެންވެސް މެދުވެރިވާ ކަމެކެވެ. އެހެންކަމުން އޮތީ ފަރުވާތެރިވުމެވެ. ތިރީގައިވާ ލިޔުމުން ސުވާލާއި ގުޅުންހުރި ގިނަ ކަންތައްތަކަކަށް ޖަވާބުލިބޭނެއެވެ. ޙައްލުވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

ކައިވެނީގައި 6 އަހަރުވީފަހުން ފިރިމީހާ އަހަރެންނާއި ދުރުވާން ފެށިއެވެ. އެއް އެނދުގައި ނިދި ނަމަވެސް އަހަރެންނާއިއެކު ރޭނުކޮށް މަސްދުވަސްވެސް ފާއިތުވާން ފަށައިފިއެވެ. ޙަޤީޤަތް ހޯދަން ބޭނުންވިއެވެ. ނަމަވެސް އޮޅުންފިލާނެ ގޮތެއް އޮތީ ނުވިސްނިފައެވެ.  

ފިރިމީހާއަކީ އެއްވެސް އިރަކު މަސައްކަތްކުރަން ނޫނީ ގެއިން ބޭރަށްދާ މީހެއް ނޫނެވެ. ފޯނުގައި ބޭކާރު ވަގުތު ހޭދަކުރާ މީހެއް ނޫނެވެ. މަސައްކަތުން ނިމިގެން އައިސް އުޅޭނީ ގޭގައެވެ. ފިހާރަ ބަންދުކުރާ ގަޑީގައިވެސް ފިހާރައަށް ދާނީ މަދު ރެއަކުއެވެ. ދިއަ ނަމަވެސް ވަރަށް އަވަހަށް އެނބުރި އާދެއެވެ. ވީމާ އިތުރު ގުޅުމެއް އެއްވެސް މީހަކާއިއެކު ހިންގާ ކަމުގެ އެއްވެސް ޢަލާމާތެއް ނުވެސްފެނެއެވެ. ދުވަހަކުވެސް އެފަދަ ތުހުމަތެއްވެސް ކުރެވިފައެއްވެސް ނެތެވެ.

މިކަންކަމަށް ވިސްނަމުން ދަނިކޮށް އެއީ ކުށަކަށްވީނަމަވެސް އެއިރު ގޭގައި ގެންގުޅޭ ފިލިޕިންސް ކުއްޖާއާއިމެދު ޝައްކުކުރެވެން ފެށިއެވެ. ނަމަވެސް ބަހެއް ބުނާނެ އެއްވެސް ހެއްކެއް ނުފެންނާތީ ކެތްތެރިވެގެން ހުރެފައި ހުކުރުވިލޭރެއަކު އެރޭ އޯވަނައިޓަކަށް އަހުރެންގެ ޢާއިޅީ ގެއަށްދާކަމަށް ފިރިމީހާ ގާތު ބުނީމެވެ. ގެއަށް އަންނާނީ ފަތިސް ނަމާދަށްފަހު ކަމަށްވެސް ބުނީމެވެ. ފިރިމީހާ ކަންބޮޑެއް ނުވެއެވެ. ހީކުރެވުނީ އެއީ އަހަރެން ދޭތެރެދޭތެރެއިން ކުރާކަމަކަށްވާތީ އެރޭވެސް އަޅައިނުލީ ކަމަށެވެ.  

ރޭގަނޑު ކެއުމުގެ ކަންކަން ނިމި އެކުއްޖާ ނިދަން ކޮޓަރިއަށް ވަނުމުން ފިރިމީހާގެ ކުރިމަތީގައި މަންމަމެން ގާތަށް ދާކަންދައްކާފައި ކޮޓަރިން ނުކުތީމެވެ.  ނުކުމެގެންގޮސް އެ ކުއްޖާ ނިދާ ކޮޓަރީގައި އޮއްވާ ކޮޓަރިންނެރެގެން އެހެންކޮޓަރިއަކަށް ގެންގޮސް ހެނދުނު ކޮޓަރި ހުޅުވުމުގެ ކުރިން  ކޮޓަރިން ނުކުމެއްޖެނަމަ ނުވަތަ ނުކުންނަން އުޅުނު ނަމަވެސް ރަށަށް ފޮނުވާލާނެ ކަމަށްވެސް ބުނީމެވެ. 

އެކުއްޖާގެ ފޯނުވެސް އަތުލާފައި ކޮޓަރި ތަޅުލާފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ އޭނާގެ އެނދުގައި އޮތީމެވެ. ގައިމަތިން ފޮތިގަޑެއްވެސް އަޅައިގެންނެވެ. ފެންނަ ގޮތަށް އޭނާގެ ފޯނު ވެސް އޮންނާނީ ކައިރީގައި ބާއްވައިފައެވެ. 

ގަޑިއެއްހައިއިރު ފަހުން ފިރިމީހާ އަހަރެންގެ ފޯނަށް ގުޅައި ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. އަދި އެރޭ ގެއަށް ނުދާނެކަންވެސް ޔަޤީންކުރިއެވެ. ކުޑައިރުކޮޅެއް ފަހުން އިތުރު ތަޅުދަނޑިއަކުން ކޮޓަރި ހުޅުވައިގެން އަހަރެން އޮތް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. ވަރަށް މަޑުމަޑުން އަހަރެންގެ ގައިމަތީގައި އޮތް ފޮތިގަނޑު ނެގުމާއިއެކު ދިއައީ ސިއްސައިގެންނެވެ.  

އަޅާވެސް ނުލާ ކޮޓަރިން ނުކުތީމެވެ. ނުކުމެގެންގޮސް ގޭގައި ގެންގުޅޭ ކުއްޖާ އޮތް ކޮޓަރީގެ ދޮރު ހުޅުވައި ނިދަން ކޮޓަރިއަށްދާން ބުނީމެވެ. އަދި އަހަރެން އޮޅުންފިލުވަން ބޭނުންވި ކަންކަން އޮޅުންފިލައިފިކަމަށްވެސް ބުނީމެވެ.  

ވަރިވާން ބޭނުންވެގެން އެދުމުން ފިރިމީހާ ކުރި އާދޭހަށްޓަކައި އޭނާއަށް މާފުކުރީމެވެ. އެއީ ކުށެއް ކުރެވުނު ނަމަވެސް އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް ގިނަކަމުންނެވެ. ނަމަވެސް އެހިސާބުން ގޭގައި ގެންގުޅެން ޒުވާން އެއްވެސް ކުއްޖަކު ނުގެންނަމެވެ. މުސާރަދީގެން ގެންގުޅެނީ ވަރަށް ދޮށީ އުމުރުގެ އަންހެނެކެވެ. އެކަނިވެރިމައެކެވެ. އޭނާގެ ދަރިފުޅާއިވެސް އެކުގައެވެ.  

މިއަދުނޫހުގެ ކިޔންތެރިންނަށް އަހަރެންގެ އިލްތިމާސަކީ ފިރިމީހާގެ ކިބައިން ކަމެއް ފެންނަނަމަ ފަރުވާކުޑަނުކޮށް އަވަހަށް އެކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާށެވެ. ޚާއްޞަކޮށް މިޒަމާނުގައި ވަރަށް ދޮން ރީތި އަންހެންކުދިން ގޭގައި ގެންގުޅޭއިރު ސަމާލުކަންދޭށެވެ. ކިތަންމެ ރަނގަޅު ފިރިއަކުވެސް ހަމަ ގޯޅިއަޅައިފާނެއެވެ. އެކަމުގައި ގެންގުޅޭ ކުދިން ކުށްވެރިކުރުމެއްވެސް ނެތެވެ. އެކުދިން ބޭނުންވާނީ އިތުރު ފައިސާއެވެ. އިތުރު ފައިސާ ހޯދަން ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. އެކަން ދަންނަންވީ އަހަރެމެން އަނބިންނެވެ.

 

- ނަޒީފާ/ މިއަދުނޫހުގެ ކިޔުންތެރިއެއްhttps://miadhu.mv/articles/4307687

މިއަދު އޮންލައިން