ތަނަވަސް މަންމައަކަށް ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެއީ ފިރިހެންދަރިއެކެވެ. އޭނާގެ ލޯބިވެރިއަކު ހުރެއެވެ. ލޯބިވެރިޔާއާއިއެކު ގުޅުން ހިންގަން ދިއައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް ލޯބިވެރިޔާ ދިއައީ އެކަމަށް އިޢުތިރާޒްކުރަމުންނެވެ. އެހެންކަމާއިއެކުވެސް ތަކުރާރުކޮށް ހުށަހެޅި ހުށަހެޅުންތަކުގެ ސަބަބުން މަޅީގައި ޖެހެވުނެވެ.
ބަލިވެއިންކަން އެނގުމުން އެވާހަކަ ބުނާއިރަށް ބުނީ ތިއަހަދަނީ ދޮގެއްކަމަށާއި ބަލިވެނުއިންނާނެ ކަމަށެވެ. އަދި ކައިވެނިވެސް ކުރެވެން އަދި ނެތްކަމަށާއި ކައިވެނިކުރެވޭނީ 2 އަހަރު ފަހުން ކަމަށެވެ.
އަންހެން ކުއްޖާއަށް ގޮތްހުސްވިއެވެ. އޭނާއަކީ މައިންބަފައިން ނެތުމުން ބޮޑުބޭބެގެ ބެލެނިވެރިކަމުގެދަށުގައި އުޅެމުން އަންނަކުއްޖަކަށް ވެފައި އެކަން ބޮޑުބޭބެގެ ދެމަފިރިން ބަލައިނުގަންނާނެތީއެވެ. އެއީ ވަރަށް ތަްްވާވެރި ދެމަފިރިންކަމަށްވެފައި އެފާފަ ނުކުރަން އަބަދުހެން ނަޞީޙަތެރިވަމުން އަންނާތީއެވެ.
ދެން އެހެން ގޮތެއް ނެތުމުން ލޯބިވެރިޔާގެ ގެއަށްގޮސް ލޯބިވެރިޔާގެ ކުރިމަތީގައި މަންމަގާތު އެވާހަކަ ބުނުމުން ލޯބިވެރިޔާ އެކަމަށް އެއްބަސްނުވިތަނުގައި އުޅުނީ ނުވެސް އެނގޭކަމަށްހަދާށެވެ. ނަމަވެސް މަންމައަކީ ތަޤްވާވެރިއަކަށްވުމުން ކެތްތެރިވެ ބުއްދީގެ ބޭނުންކުރިއެވެ.
"ދަރިފުޅާއެވެ! މިހާރު މިހުންނަނީ މާބޮޑެތި ކަންކަމެއް ނޫނެވެ. އަވަހަށް ފުރަމާ ހިނގާށެވެ! ޑީއެންއޭ ހަދާނީއެވެ. އެއިރުން ޙަޤީޤަތް އެނގޭނެއެވެ. ކޮންމެ ގޮތެއްވިޔަސް މަންމަގެ ފުރަތަމަ މާމަދަރިފުޅު ނިކަމެތިވާކަށް ބޭނުމެއް ނޫނެވެ. އަދި ވައްޓައިލާކަށްވެސް ބޭނުމެއް ނޫނެވެ. މިކުއްޖާ އެބުނަނީ ތެދަށްނަމަ އަވަހަށް ކައިވެނިކުރާށެވެ! ވިހެއުމުން އަލުން ކައިވެނިކުރަްނވެސްވާނެއެވެ. މިއީ ދަރިފުޅު ކުޅިވަރަކަށް ކުރިކަމެއްނަމަ އެކަމުގެ އަދަބު ދަރިފުޅަށް މަންމަ ޑޭނަމެވެ."
އެހިސާބުން ދަރިފުޅު ވާހަކަ ނުދެއްކީމާ އަންހެންކުއްޖާ އެހަދަނީ ތެދެއްކަން މަންމައަށް ޤަބޫލުކުރެވުނެވެ. ޑީއެންއޭ ހެދީމާ ޙަޤީޤަތް ބޭޒާރުވާނެތީ ބިރުގަތީކަން ވިސްނުނެވެ. އެެހެންވެ މަންމަ އެދުނީ ފަހުން ވަކިވާން ނަމަވެސް މިހާރުން މިހާރަށް ކައިވެނިކޮށް ލިބެންްއުޅޭ މާމަދަރިފުޅުގެ ޤަދަރު ސަލާމަތްކުރުމަށެވެ.
ދަރިފުޅަށް ޖެހުނީ ހިތާއި ދެކޮޅަށްވެސް ކައިވެނިކުރާށެވެ. އެކަމަކު ވިހާއިރަށް ވަރިކޮށްލައިފިއެވެ. އެއިރުވެސް ކިޔޫގައި ބައިވަރު ލޯބިވެރިން ތިބީމައެވެ. ނަމަވެސް މަންމަގެ ނިމުން މުޅިން ތަފާތެވެ. ބުނީ ދަރިފުޅު ގެއިން ބޭރުނުކުރާނެ ކަމަށާއި ދެމީހުން ދެކޮޓަރީގައި އުޅުމަށެވެ. ނިފާސްކަމުން ޠޯހިރުވެ ޢިއްދައިގެ މުއްދަތު ހަމަވުމުން ޅީދަރިފުޅުގެ ގާތުގައި ބުނީ ބޭނުންމީހަކާ ކައިވެނިކުރާށެވެ. ނަމަވެސް މިގޭގައި އުޅެން އެއްބަސްވާ މީހަކާ ކައިވެނިކުރުމަށެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިން ބޭނުމަކީ އެކުވެރި އުޚުތުންނަށް ނަޞީޙަތެއް ދިނުމެވެ. ކޮންމެ މައިދައިެއް މިހެނެއް ނުވާނެއެވެ. ލޯބިވެރިޔާގެ ކިބައިން ލަނޑުލިބުނީމާ ނިކަމެތިވާންޖެހޭ އުޚުތުން ގިނަވަމުން މިދަނީ އެހެންވެގެންނެވެ. ވީމާ ލޯބިވެރިޔާ ކިތަންމެ ވަރަކަށް އެދުނަސް ކައިވެނީގެ ބޭރުން ގުޅުން ނުހިންގާށެވެ. ބަލިވެއިނީމާ ބުނާނީ ހަމަ މިލޯބިވެރިޔާވެސް އެބުނި ގޮތަށެވެ. ދަންނަކަމަށްވެސް ނުހަދާނެއެވެ. ހުރިހާ ދެރައެއްވެސް ލިބޭނީ އުޚުތާއަށެވެ.
- ފަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް