އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވުނީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކު: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވުނީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކު: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތަކީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކު ކުރެވުނު ކަމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރު ބޭންކުން ހޯދި ރެކޯޑު ކުރިއެރުމާއެކު، އައު އަހަރުގެ މާލީ ދުވެލިވެސް އެ ބާރުމިނުގައި ދަމަހައްޓާފައިވާ ކަމަށެވެ.

ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމުގައި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތުމުން އެކަމުގައި ސަރުކާރަށް ކްރެޑިޓް ނެގިދާނެއެވެ. ނަމަވެސް، ބޭންކުގެ ނަޒަރުން ބަލާއިރު އެ މަސައްކަތް ކުރިއަށް ގެންދިޔައީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބޭންކަށް ލިބޭނެ ފައިދާއަށް ރިއާޔަތްކުރުމަށްފަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭންކުގެ ނިންމުންތަކަކީ ވަކި ހަމަތަކެއްގެ މަތިން ބޭންކުގެ ބޯޑުން ނިންމާ މިނިވަން ނިންމުންތަކެއް ކަމަށްވެސް ބޭންކުން ބުނެއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން މިހާތަނަށް 20 އަތޮޅުގެ 105 ރަށެއްގައި ވަނީ އޭޓީއެމް ޤާއިމުކޮށްފައެވެ. މީގެ އިތުރުން، ގެދޮރުވެރިކަމުގެ ދާއިރާއިން ހޯމް ކޮންސްޓްރަކްޝަން ލޯނު ދޫކުރަން ފަށާފައިވާއިރު، އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ބީއެމްއެލްއިން ވަނީ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ" ގެ ނަމުގައި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުނިން ޖުމުލަ 3,260 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭންކުގެ 43 އަހަރުވީ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި 2025 ވަނަ އަހަރު ނިންމާލުމަށްފަހު، 2026 ވަނަ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ ވަރުގަދަ އަޒުމެއްގައެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައިވެސް ބޭންކަށް ވަނީ ރެކޯޑު ފައިދާއެއް ލިބިފައެވެ.

މިއަދު އޮންލައިން