މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ ހެދުމަށް 106.2 މިލިޔަން ޑޮލަރު ބީއެމްއެލް އިން ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ ހެދުމަށް 106.2 މިލިޔަން ޑޮލަރު ބީއެމްއެލް އިން ދޫކޮށްފި

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޓީޓީ (ޓެލެގްރަފިކް ޓްރާންސްފާ) ހެދުމަށްޓަކައި 106.2 މިލިޔަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މި މަޢުލޫމާތު ހިއްސާކުރެއްވީ ބޭންކުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިހާރު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޓީޓީ ހެދުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، 2025 ވަނަ އަހަރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ވިއްކާފައިވަނީ 14.6 މިލިޔަން ޑޮލަރުގެ ޓީޓީ ކަމަށެވެ. ނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހިނގާ އޭޕްރީލް މަހުގެ ތަފްސީލް ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ، "އޭޕްރީލް މަހު އެކަނި އިއްޔެގެ ނިޔަލަށް 27 މިލިޔަން ޑޮލަރު 7200 ޓީޓީއަށް ވިއްކާފައި އެބަވޭ. މި ހަފްތާގައި އާދިއްތަ ދުވަހާއި ހޯމަ ދުވަހު މި ދެ ދުވަހު އެކަނިވެސް 2 މިލިޔަން ޑޮލަރު 615 ޓީޓީއަށް ވިއްކާފައި އެބަވޭ." އަދި މިއަދުވެސް ޓީޓީއަށް ޑޮލަރު ވިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ބޮޑު އިސްކަމެއް ދެމުންދާކަން މި ތަފާސްހިސާބުތަކުން ހާމަވެއެވެ.

މިއަދު އޮންލައިން