ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ގަސްތުގައި ސަރުކާރަށް ސިޓީ ކައުންސިލުން ހުރަސް އަޅާ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ގަސްތުގައި ސަރުކާރަށް ސިޓީ ކައުންސިލުން ހުރަސް އަޅާ: ރައީސް

މާލޭގައި ކުރިއަށްގެންދާ ބައެއް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މާލެ ސިޓީ ކައުންސިލުން ގަސްތުގައި ސަރުކާރަށް ހުރަސްއަޅަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ގަސްތުގައި ސަރުކާރަށް ހުރަސް އަޅާކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތުން މާލޭގެ މާރުކޭޓު ސަރަޙައްދުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ސަރަޙައްދުގެ މަގު އެއްވަރުކޮށް ޕޭމަންޓް ތަރައްޤީކުރުމަށްޓަކައި ލޯކަލް މާރުކޭޓު ހިމެނޭ ސަރަޙައްދުން ބައެއް ހުސްކުރުމަށް އެންގުމުން އެކަމަށް އެއްބާރުލުން ދީފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މަގުގެ އެ ސަރަޙައްދު ހުސްނުކުރުމުގެ ސަބަބުން، ތާރު އަޅައިގެން މަގު ހަދަން ޖެހުނީ ޕޭމަންޓް ނުހަދައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް އެކަމަށް އެންގުމުންވެސް ސިޓީ ކައުންސިލުން އެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "އޭރު ބުނެބުނެވެސް ހުސްކޮށް ނުދިން. މިހާރު މާރުކޭޓު އިމާރާތުގެ ބުޑާ ހަމައަށް ތާރު އަޅާފައި އޮންނާނީ، ޕޭމަންޓެއް ނޯންނާނެ. މާލެ ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުމެއް ނުދިން." ކަމަށެވެ.

ސަރުކާރުން މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްގެންދާއިރު، ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމަކީ މަސައްކަތުގެ ފެންވަރަށާއި ދުވެއްޔަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ރައީސްގެ ވާހަކަފުޅުން ވަނީ ހާމަވެފައެވެ.

މިއަދު އޮންލައިން