ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނެގޭނެ އެންމެ ދޮށީ އުމުރަކީ 75 އަހަރު ކަމަށް ކަނޑައަޅައި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިފިއެވެ. މި ބަދަލާއެކު ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ނެގޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ކުރިން 60 އަހަރާ ހަމައަށް ލޯނު ލިބޭ ގޮތަށް އޮތް އޮތުން 75 އަހަރަށް މަތިކުރުމަށް ބޭންކުގެ ބޯޑުން އިއްޔެ ނިންމާފައިވާ ކަމަށެވެ. މިއީ ގިނަ ބަޔަކަށް ލޯނު ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމާއި އެހެނިހެން ކަންކަމަށް ލޯނު ނެގޭނެ. އަދި މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ. 20 ނުވަތަ 25 އަހަރަށް ދަމާލައިގެން ފަސޭހަކޮށް ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ރިސޯޓް މުވައްޒަފުންނާއި ރާއްޖެއިން ބޭރުގެ ވަޒީފާތަކުގައި އުޅޭ ދިވެހިންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ވެސް ހާއްސަ ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޑޮލަރުން ލޯނު އަނބުރާ ދެއްކޭނެ މަގު ފަހިކޮށްދިނުމާއެކު، ރާއްޖެއިން އެޕާޓްމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު އޮންނާނެ ކަމަށް ބޭންކުން ބުނެއެވެ.
ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް ހުރިހާ ސިނާޢަތްތަކެއް ހިމެނޭހެން 4.6 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވެއެވެ. އަދި އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއެކު، މިއަހަރު ދޫކުރި ޖުމްލަ އާ ލޯނުގެ އަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.