އިންޓަރ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އައިޕީޔޫގެ 152 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސް ތުރުކީވިލާތުގެ އިސްތަންބުލަށް ފުރާ ވަޑައިގެންނެވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލީހުގެ އަމީން އާންމު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ބައްދަލުވުމުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ތަޤްރީރު ކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ދުނިޔޭގެ މަސްރަޙުގައި ހުރި މުހިންމު ކަންތައްތަކެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމަތަކާއި އަދި ތަފާތުކުރުންތަކުން އުފެދިފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤާނޫނު ހަދާ މަޖިލީސްތަކުގެ ޒިންމާ ބޮޑުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ "ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤާނޫނު ހަދާ މަޖިލީސްތަކުން އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ" ކަމަށެވެ.
މި ދަތުރުފުޅަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމަށާއި، އެހެން ޤައުމުތަކުގެ މަޖިލީސްތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.