ށ. ފޯކައިދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރަސްމީކޮށް ފަށައިފިއެވެ. މިއީ އެ ރަށުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޯކައިދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމީ ޖަލްސާގައި އާރްޑީސީއާ ޙަވާލުކުރެއްވި މަޝްރޫޢެކެވެ.
މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އާރްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މަގު ހެދުމަށް ބޭނުންވާ ސަރވޭގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި އެ ރަށުގައި ޤާއިމުކުރާ ސައިޓަށް ބޭނުންވާ ސާމާނުތައްވެސް މިހާރު ވަނީ އެ ރަށަށް ފޮނުވާފައެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 80.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުން މި މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާ ގޮތަށެވެ.
މި މަޝްރޫޢު ނިމުމުން ފޯކައިދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ، ރަށުގެ ދަތުރުފަތުރަށާއި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.