މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ އަދަދުތަކަށް އަމަލުކުރަން ފަށައިފިއެވެ. މުދަލު ޒަކާތް ދެއްކުމަކީ، އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 21,836.50ރ. އެވެ. މިއީ ރިހީގެ ގްރާމަކަށް 36.70 ރުފިޔާގެ ރޭޓުން ބަލައި، 595 ގްރާމަށް ޖެހޭ މިންވަރެވެ.
މީގެކުރިން މިދިޔަ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 19,527.90 ރުފިޔާއެވެ. އެހެންކަމުން މިއީ ކުރީގެ ނިސާބާ އަޅާބަލާއިރު އިތުރުވުމެކެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ ބާޒާރު އަގަށް އަންނަ ބަދަލާ ގުޅިގެން، ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށް ވެސް ބަދަލު އާދެއެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ފައިދާހުރި ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ނިސާބު ކަނޑައެޅުމެވެ.
މުދަލު ޒަކާތަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް ދެއްކޭނެ އެއްޗެކެވެ. ޒަކާތް ވާޖިބުވާނީ ނިސާބު ހަމަވާ މިންވަރަށް އަތުގައި ފައިސާ ނުވަތަ މުދާ ހުރެ، އެ ތަކެއްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުންނެވެ.