ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކާޑުން ކުރާ މުއާމަލާތްތަކުން %30 ގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށް ގައުމީ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ވިދާޅުވީ، ބޭންކުން މީގެ ކުރިން ރަސްމީކޮށް ހާމަކޮށްފައިވާ ގޮތަށް، 1 ޖުލައި 2025 އިން ފެށިގެން %30 އާ ހަމައަށް ފީ ނަގަމުންދާނީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި އީ-ކޮމާސް ސައިޓްތަކަކުން ކުރާ މުއާމަލާތްތަކުން ކަމަށެވެ. އެ ސައިޓްތަކަކީ ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މީގެ އިތުރު އެއްވެސް ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުން އެފަދަ ފީއެއް ނުނަގާނެ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ، ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. ބޭންކުގެ "ޝެޑިއުލް އޮފް ޗަރޖަސް" ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ރުފިޔާ ކާޑު ބޭނުންކުރުމުން %30 އާ ހަމައަށް ކްރޮސްބޯޑަރ ފީއެއް ނެގުމުގެ އިހުތިޔާރު ބޭންކަށް އޮވެއެވެ. މިއީ ދުނިޔޭގެ އެހެން ބޭންކުތަކުންވެސް އަމަލުކުރަމުންދާ ބައިނަލްއަގުވާމީ އުސޫލެކެވެ.
"މިއީ ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް، ނުވަތަ މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން"، ސަޢީދު ވިދާޅުވިއެވެ.
ބޭންކުން ބުނި ގޮތުގައި، ރާއްޖޭގެ ގިނަ އަދަދެއްގެ އާންމުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ބޭންކުގެ އިތުބާރު ގެއްލުވާލައި، ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި މާލީ ރައްކާތެރިކަމަށް ނުރައްކާކުރުމަށް ހިންގާ އަމަލެކެވެ. އަދި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށްވެސް ބޭންކުން ފާހަގަކުރިއެވެ.