މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ ކޮރިޑޯއަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް "މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން" (އެމްޓީއައިބީ) ބާއްވައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިންތިޒާމުކޮށްގެން ބާއްސެލޯ ނަސަންދުރާގައި މި ބްރީފިން ބާއްވާފައިވަނީ މިއަދު އެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ އިސް ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން އަދި ކަމާބެހޭ ފަރާތްތަކުން ބައިވެރިވެ، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަ ބަދަލުތަކާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ މަގުތަކުން ޓްރާންސިޓްކޮށް ރާއްޖެއަށް އަންނަ ދުރު މާކެޓްތަކަށް ކުރާނެ އަސަރުތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
ބައްދަލުވުން އިފްތިތާހުކޮށްދެއްވަމުން ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރު އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ސީރިއަސް އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހާލަތެއް ކަމަށެވެ. "މިއީ ގޮންޖެހުމެއް ނަމަވެސް، މިއީ އެންމެން ގުޅިގެން މަސައްކަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް،" އޭނާ ވިދާޅުވިއެވެ. އަދި މި ހާލަތުން އަރައިގަނެވޭނީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސެޝަންގައި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޕޯލް ޕްރޫންގްކާން އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ހައްމާދު އަދި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ނަޝާޔާ އަބްދުލްވާހިދު ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ސީސީއޯ ނަސްރުﷲ އާދަމް ވަނީ 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ މާކެޓް އައުޓްލުކް އާއި އިސްތިރާތީޖީ އިސްކަންދޭ ކަންކަން ހުށަހަޅުއްވާފައެވެ.
ކަމާބެހޭ ފަރާތްތަކުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށާއި، ޕްރައިވެޓް ޖެޓް ފަދަ ޕްރީމިއަމް ދަތުރުފަތުރަށް އިސްކަންދިނުމަށް ވަނީ ނިންމާފައެވެ. އަދި ޑިޖިޓަލް މާކެޓިންގ ވަރުގަދަކޮށް، ދަތުރުފަތުރުގެ ދަތިތައް ހުރި މާކެޓްތަކުގައި ރާއްޖޭގެ ފެންނަ މިންވަރު އިތުރުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، ދަތުރުފަތުރުގެ ބަދަލު މަގުތައް ހޯދުމާއި، ބައިނަލްއަގުވާމީ ޓްރެވަލް ޕާޓްނަރުންނާ ގާތުން މަސައްކަތްކޮށް، މާކެޓުގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.