ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާއި ގުޅުވައިގެން، ވީޑިއޯ ހެދުމުގެ މުބާރާތެއް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތް އިޢުލާނުކޮށްފައިވަނީ ބައިނަލްއަޤުވާމީ ގޮތުން މިއަދު ފާހަގަކުރާ 'ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ޑޭ' އާ ގުޅުވައިގެންނެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހީންގެ އުފެއްދުންތެރިކަމާއި އައު ޚިޔާލުތައް ދައްކުވައިދިނުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި ހުޅުވާލުމެވެ. ބީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތައް ޓިކްޓޮކް، އިންސްޓަގްރާމް ފަދަ މީސްމީޑިޔާ މަންސަތަކަށް އަޕްލޯޑް ކުރެވޭނެއެވެ.
މުބާރާތުގައި ހިމެނޭ 3 ނުވަތަ 5 މިނެޓުގެ ކުރު ފިލްމު ކެޓެގަރީގެ ވީޑިއޯތައް ބައިވެރިކުރެވޭނީ، ސޯޝަލް މީޑީއާ ނުވަތަ އެނޫންވެސް މަންސައަކަށް އަޕްލޯޑު ކުރުމަށްފަހު، އެ ވީޑިއޯގެ ލިންކު [email protected] އަށް ފޮނުވުމުންނެވެ. ކޮންޓެންޓު އަޕްލޯޑު ކުރަންވާނީ ބައިވެރިވާ ފަރާތުގެ އަމިއްލަ މީސްމީޑިޔާ މަންސަތަކުގައެވެ.
ވީޑިއޯތައް ހިއްސާކުރާއިރު ބީސީސީގެ މީސްމީޑިޔާ އެކައުންޓް @BCC އާއި، މޯލްޑިވްސް އެކްސްޕޯ @EXPOMV އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓު އެންޑް ޓްރޭޑު MOEDT ޓެގް ކުރަންޖެހޭނެއެވެ. މީގެ އިތުރުން ވީޑިއޯތަކާއެކު #mauraz26 ހޭޝްޓެގް ބޭނުންކުރުމަކީ ލާޒިމްކަމެކެވެ.
މި މުބާރާތުން ހޮވާ އެންމެ މޮޅު ވީޑިއޯ އުފައްދާ ފަރާތަކަށް ޑީޖޭއައި ފްލިޕް ފްލައި މޯ ކޮމްބޯ އަކާއި އޮސްމޯ ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ މޮޅު ވީޑިއޯ ރީލްސް ހުށަހަޅާ ފަރާތަކަށް އައިފޯން 17 ޕްރޯ މެކްސް އެއް އިނާމުގެ ގޮތުގައި ލިބޭނެއެވެ.
މި މުބާރާތަކީ ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. މުބާރާތުގައި ބައިވެރިކުރާ ވީޑިއޯތަކަކީ ހުރިހާ ޢުމުރެއްގެ މީހުން ބަލަން އެކަށީގެންވާ، ޢާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ އުފެއްދުންތަކަކަށް ވާންޖެހޭނެއެވެ. ވީޑިއޯތައް އުފައްދައި އަޕްލޯޑް ކުރުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 31 ވަނަ ދުވަހެވެ.