ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ބޭވަފާތެރިވުމުންވެސް ކައިވެނި ރޫޅާލައި ވަކިވާން ނުވިސްނައި ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރި އަންހެނަކަށް ލިބުނު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 6ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ބޭވަފާތެރިވުމުންވެސް ކައިވެނި ރޫޅާލައި ވަކިވާން ނުވިސްނައި ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރި އަންހެނަކަށް ލިބުނު އުފާވެރިކަމުގެ ވާހަކަ-

ދުޢާކުރުމަކީ ގޯސްމަގުން ހިނގާ ބައިވެރިއަކު އިޞްލާޙްވެދާނެ ސަބަބެއްތޯ މިފަދަ ޒަމާނެއްގަވެސް؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކަމެއް އަދި ޒަމާނެއްވެސް ނެތެވެ. އެއީ ޒަމާނާއި ގުޅުންހުރި ކަމެއް ނޫނެވެ. ތިރީގައިވާ ލިޔުމުން އެކަން ވިސްނިލައްވާނެއެވެ. އިން ޝާ ﷲ

ކައިވެނި ކުރީ ފޮނި އުއްމިދުތަކަކާއި އެކުގައެވެ. ދުވަހަކުވެސް ވަކިނުވުމަށް ވައުދާއި އަހުދުތައް ވަމުންނެވެ. އުފާވެރިކަމާއެކު އަހަރުތަކެއް ފާއިތުވިއިރު މިއީ ހަތަރު މެންބަރުންގެ ކުޑަ އާއިލާއެކެވެ. ލިބެމުންދިޔަ ފިރިމީހާގެ އަޅާލުމާއި ލޯބި އޭގެ އިންތިހާއަށް ލިބެމުންދިޔައެވެ.

އެހެންވެ އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާކަމުގައި ހީކުރެވުނެވެ. އަހަރެމެން ދެމީހުންގެ ދޭތެރޭގައި އޮންނަ ލޯބި ފެނިފައި އެހެންމީހުންވެސް ތަޢުރީފު ކުރެއެވެ.  ކައިވެންޏަށް މިހާ ދުވަސްވީއިރުވެސް  ހަޔާތައް އައި ބަހާރު މޫސުމަކަށް ބަދަލެއް ނާންނާތީއެވެ.  

ނަމަވެސް  އަހަރުތަކަކަށް ފަހު ހަރީފް މޫސުމުގެ ހިޔަނި އެޅެމުންދާ ކަހަލަ އިހުސާސްތަކެއް ކުރުވަމުން ދިޔައެވެ. ފެންދީ ބަލަހައްޓަމުން ދިޔަ ބަގީޗާއި ފޮޅިފައިވާ މާތައް މިލަމުންދާހެން ހީވެއެވެ. އަބަދުމެ ފިރިމީހާ ބަލަހައްޓަމުންދާ ގަސްތަކުން ފެހިކަން ނެތިގެން ދަނީ ކީއްވެކަމެއް ނޭގެއެވެ. ބަގީޗާގައި ހޭދަކުރަމުންދާ ވަގުތުތަކަށް ވުރެން އޮފީސް މާހައަލުގައި ހޭދަ ކުރަންޖެހޭ ވަގުތު އިތުރުވީމަކަމަށްވެސް ވެދާނެއެވެ. އަހަރެން ގޯސް ގޮތަކަށް ޝައްކެއް ނުކުރަމެވެ. އެހެންވެ އެންމެ ފުރަތަމަ ދުވަހުންސުރެން ކުރި އިތުބާރަކަށް ބަދަލެއް ނުގެންނަމެވެ. އޭނާ އެހެން ބަގީޗާއަކަށް ނުވަންނާނެކަމުގެ ފުރިހަމަ ޔަގީންކަން ހިތުގައި އޮތަތީއެވެ.  

ފިރިމީހާގެ ފޯނަކީ އަހަރެން ބޭނުން އިރަކު ބަލާލެވޭގޮތަށް ހުޅުވާލެވިފައި އޮންނަ އެއްޗެކެވެ. ފިރިމީހާ އާއި ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލާނުލެވޭ އެންމެ ބޮޑު ސަބަބަކީވެސް އެއީ އެވެ. ނަމަވެސް އެއް ރެއެއްގެ ދަންވަރު ފޯނު ބަލާލީ އެކަހަލަ މަންޒަރުތަކެއް ފެނި ދާނެ ކަމަކަށް ނޫނެވެ. ބޯމަތީގައި ނަގާފައިވާ ކަޅު ވިލާތަކުގެ ބޯކަން ފެނުނީ އެވަގުތުއެވެ. ކުރިޔަށް އޮތީ ކިހާ ގަދަވަޔާ ވިއްސާރައިގެ ތޫފާނެއްކަން ވިސްނާލެވުނީދެނެވެ. 

އެއީ ވަކި ހުނަރުތަކެއް ލިބިފައިވާ ބަޔަކަށް އެ ހުނަރުތައް ދައްކާލުމަށް ހާއްސަކުރެވިފައިވާ އެޕެކެވެ. އަހަރެންގެ ފިރިމީހާ އެތަނަށް ވަންނަން ޖެހޭ ސަބަބެއް ނުވިސްނުނެވެ. އޭގެން އޭނާ އެހެން މީހުންނާއި ވާހަކަ ދައްކާފައި ހުރި މެސެޖުތައް ބަލައިލީމެވެ. މެސެޖްތައް ކިޔަމުންދާވަރަކަށް މެޔަށް ބާރުވެ ނޭވާލާން އުނދަގޫވާން ފެށިއެވެ. ލޮލަށް ގިނަވި ކަރުނަތައް ބަންޑުންވެ ބާރު ބާރަށް ރޮވެން ފެށުނެވެ.  

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ފިރިމީހާއަށް ކުރި އިތިބާރާއި ދިން ލޯތްބާއި ވަފާތެރިކަމުގެ އެއްވެސް އަގެއް ނެތްކަން ހާމައަށް ފެނުނީށެވެ. ހިލޭ އަންހެނަކަށްޓަކައި އޭނާގެ ވަގުތުތައް ޤުރުބާން ކުރަމުންދަނީއެވެ.  ހިލޭ އަންހެނަކަށް ތަޢުރީފާއި ސަނާ ކިޔަމުންދަނީއެވެ. މީގެ ކުރިން އަހަރެން ހީކުރަމުން އައީ އެ ލޯބި ބަސްތަކަކީ ހަމައެކަނި އަހަރެންނަށް ހާއްސަ ބަސްތަކެއް ކަމުގައެވެ. 

އަހަރެންގެ ޝަކުވާތައް ފިރިމީހާގެ ކުރިމައްޗަށް ބަންޑުން ކޮށްލީމެވެ. ނަމަވެސް  އޭނާ ދިޔައީ އެއީ މާބޮޑު ކަމެއް ނޫންކަމަށް ދައްކަން މަސައްކަތް ކުރަމުންނެވެ. އެއީ ހަމައެކަނި ރައްޓެއްސެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އޭނާގެ ވާހަކަތަކުން އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެމެސެޖުތަކާއި ބަދަލުކުރެވިފައި ހުރި ފޮޓޯތަކުން އެއީ އާދައިގެ ގުޅުމެއް ނޫންކަމަށް ހިތް ބުނަމުން ދިޔައެވެ. 

އަހަރެންގެ މުޅި ހިތާއި ސިކުނޑި ޝައްކާއި ވަހުމުން ފުރި ބާރު ވެއްޖެއެވެ. ހަށިގަނޑަށް އެތަކެއް އަނިޔާތަކެއް ދެވެއެވެ. ފާރުގައި ބޯ ތަޅާ ތަޅާ އަބަދުމެ ހުންނަނީ ރިހުމެއް އުފެދިފައެވެ. އަނބުރާގަންނަ ގޮތްވެފައެވެ. މިކަންކަމަށް ހައްލެއް ގެނެވޭތޯ ފިރިމީހާ އެތައް ވާހަކަތަކެއް ދައްކައެވެ. ނަމަވެސް އެއީ ހަމައެކަނި ދައްކާލާ ވާހަކައެކެވެ. އަމަލުން އެކަމެއް ނުދެއްކެއެވެ.  

އެންމެ ފަހުން އަހަރެންވެސް އެބުނާ އެޕެއް ތެރެޔަށް ވަނީމެވެ. ސުބުހާނަﷲ އެވެ. އެއީ މީހަކު ވަދެ އިންނަވަރުތަނެއް ނޫނެވެ. އަންހެން ފިރެހެން އެކުވެ ނުދައްކާކަށް ވާހަކައެއް ނެތެވެ. މީހުންގެ މަސްކެއުމާއި ފުރައްސާރަ ކުރުން އިންތިހާއެވެ. އެހެން ނޫނަސް ލަވަޔާއި މިޔުޒުކުގެ ތެރެއިން ވަކި ރަގަޅު އެއްޗެއް ނުކުމެދާނެ ހެއްޔެވެ؟ ކޮންމެ އަކަސް އަހަރެންގެ ފިރިމީހާ ވާ ވައްދަމުން ދިޔަ އަހެންނާ ފެނިއްޖެއެވެ. ނަމަވެސް އެ އަޑު އިވުމުން ވާ ފޫއްސަކާ އަންނަ ރުޅިއަކުން ކޮންމެ ފަހަރަކުވެސް ފޯނުން އެ އެޕް ފޮހެލަމެވެ. މީހެއްގެ ފިރިޔެއްކަން އެނގި ހުރެ ގުޅުމެއް އުފައްދަން އޭނާ މަސައްކަތް ކުރީ ކީއްވެގެންހެއްޔެވެ؟ 

ދުވަހަކަށްވުރެން ދުވަހެއް އެ އަންހެނާއާއި އޮންނަގުޅުން ބަދަހި ވަމުންދާކަން އެގެއެވެ. ފިރިމީހާގެ ފޯނަށް ގުޅާފައި އޮންނަތަން ފެނެއެވެ. މެސެންޖާއިންނާއި ސްނެޕް އިން އަންނަ މެސެޖްތައް ފެންނަން ފަށައިފިއެވެ. އެހާ ހިސާބުން ފިރިމީހާގެ ފޯނު ކޯޑު ޖަހައި ބަންދު ކޮށްލަފިއެވެ. އަހަރެންގެ ހިތުގައިވާ ޝައްކުތައް އިތުރަށް ބޮޑުވީއެވެ.

ޝަކުވާތައް ކުރަން ފެށުމުން ކުށްވެރިވީ އަހަރެންނެވެ. ފިރިމީހާ ވާހަކަދައްކަން ފެށީ އެ އަންހެނާގެ ދިފާއުގައެވެ. އޭނާއަށް މިނިވަންކަމާއި އުފާވެރިކަމާއެކު ނޫޅެވޭ ކަމުގައި ބުންޏެވެ. އަހަރެން ލޯބީގައި ހައްދުފަހަނައަޅަދަނީ ކަމުގައި ބުންޏެވެ. ފިރިމީހާ ނޫން އެހެން އެއްވެސް ފިރެހެނަކު ރަހުމަތްތެރިޔެއްގެ ގޮތުގައިވެސް ނުގެންގުޅޭ އަންހެނެއްގެ ހިތަށް ވާނެ ތަދު އިހުސާސް ކޮށްލާށެވެ.  

މިހުރިހާ ބަސްތަކެއް ފިރިމީހާގެ ދުލުން ބޭރުވިއިރުވެސް ފިރިމީހާ ކުށްވެރިކޮށްފައި  އެއްވެސް އެއްޗެކޭ ނުބުނަމެވެ. އެކަމުގައި އެ އަންހެނާއާއި އެއްވަރަށް ފިރިމީހާވެސް ކުށްވެރިވާނެކަން އެގި ހުރެވެސް ހުރިހާ ރުޅިއެއް އެ އަންހެނާ އަށް ބާލާލީމެވެ. ކުރީގެ އުފާވެރި ދިރިއުޅުމަށް ދިޔުމަށް ބޭނުންވާތީއެވެ. ދަރިންނަށްޓަކައިވެސް އިތުރު އެހެން ގޮތެއް ބޭނުންވެސް ނުވާތީއެވެ. 

އަހަރުގެ ބޮޑު ޗުއްޓީ ފެށުމުން ފިރިމީހާ އަހަރެން ގޮވައިގެން ރަށަށް ދިޔައެވެ. ރަށުގައި ދުވަސްކޮޅެއް ހޭދަ ކުރުމަށްފަހު އޭނާ މާލެ ދިޔައީއެވެ. އަހަރެމެން ރަށުގައި ބައިތިއްބާފައި  ފުރައިގެން ދިޔައީ އެ އަންހެނާއާއި އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށް ވައުދު ވެފައެވެ.  

ނަމަވެސް ދުރަށް ދިޔުމުން ހިތަށް މާބޮޑަށް އުދަގޫވާންފެށިއެވެ. ހިތުގައިވާ ޝައްކުތައް ފިލުވާލެވޭނެ މަގެއް ދައްކަވާތޯ ދުޢާ ކުރަން ފެށީމެވެ. އެއީ އަހަރެމެންގެ ޝަކުވާތައް އަޑުއައްސަވާ ރަސްކަލާގެއެވެ. ކުރަމުންދިޔަ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އެއްރެޔަކު އަހަރެން އަނެއްކާވެސް އެ އެޕަށް ވަދެ ލީމެވެ.  އެ އަންހެނާ އެހެން މީހަކާ ދައްކަމުން ދިޔަ ވާހަކަތަކެއް އަޑުއަހަން އިނީމެވެ. އިވެމުން ދިޔަ ވާހަކަތަކުން ހިތަށް ހީވި އެތައް ހާސް ކަށިތަކެއް އެއް ފަހަރާ ވަދެގެން ދިޔަ ހެންނެވެ. 

އަހަރެންގެ ލޯބިވާ ފިރިމީހާ ފަޟީހަތް ވެގެންދަނީއެވެ. ހަލާލު އަނބިމީހާ ނިންދަވާފައި  ހިލޭ އަންހެނަކަށް ގުޅާ މާފޮޅުވަމުންދާކަން ބޭޒާރުވަމުންދަނީއެވެ. އެ އަންހެނާގެ ވާހަކަތަކުން އެ އަންހެނާއަށް ހުރީ އަހަރެންގެ ފިރިމީހާއާއި ނުލައި ނޫޅެވޭ ވަރުވެފައިހެން ހީވެއެވެ.  

މިހުރިހާކަމެއް ހާމަ ވުމުންވެސް އެހެން މީހުންފަދައިން ފިރިމީހާ ދޫކޮށް ދާކަށް ނުވިސްނަމެވެ. އޭގެ ބަދަލުގައި އޭނާގެ އަމަލުތައް އިސްލާހު ކުރުމަށް ހިތުގައި އަޒުމު ކަނޑައެޅީމެވެ. ކުރީގެ އުފާވެރި ދިރިއުޅުން ގެނައުމަށް ކަށިން ހިތްވަރު ނެރުނީމެވެ.

އެރޭ ފިރިމީހާއަށް ގުޅުނު އަދަދެއް ފޮނުވުނު މެސެޖްތަކުގެ އަދަދެއް ނޭގެއެވެ. އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނާދެއެވެ. ނަމަވެސް އަޅުތަކުންގެ ޝަކުވާތައް  އަޑުއައްސަވާ ފަރާތެއްވޭ ނޫންތޯއެވެ. އެރޭގެ ބާކީ އޮތްބައި ދުޢާ ކުރުމުގައި ހޭދަކޮށްލީމެވެ. ހިތުގައިވާ ހުރިހާ ރިހުމެއް ބޭރުކޮށްލީމެވެ. 

ނިކަން ދެކެބަލާށެވެ. ﷲގެ އޯގާވަންތަކަން ކިހާ ފުރިހަމަތޯއެވެ. ފަތިސް ނަމާދަށް ފަހު ގުޅި ފުރަތަމަ ކޯލު ފިރިމީހާ ނަގައިފިއެވެ.  އޭނާއަށް ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުގަތެވެ. އެތައް ފަހަރަކު މާފަށް އެދުނެވެ. މިހަ ދުވަސްވީ އިރުވެސް މިރޭ ނޫނީ އޭނާ ރޯއަޑެއް ނާހަމެވެ. ދެން ދުވަހަކުވެސް އެކަހަލަ ކަމެއްގެ ތެރެއަށް ނުވަންނާނެކަމަށް ވައުދުވިއެވެ.  

އަހަރެންގެ ހިތް ކުރިއެކޭ އެއްގޮތަށް ސާފް ކޮށްލީމެވެ. ގެއްލުނު އިތުބާރަކީ އަބުރާ ހޯދޭނެ އެއްޗެއް ނޫނޭ ބުންޏަސް ހެވެއެވެ. އަހަރެން އަލުން އިތުބާރު ކުރީމެވެ. ތައުބާވާ އަޅުތަކުންގެ ތައުބާ އެކަލާނގެ ގަބޫލު ކުރައްވާއިރު އެއް އިންސާނަކު އަނެއް އިންސާނަކަށް މާފް ނުކުރަންވީ ސަބަބެއް ނެތެވެ. އަހަރެންގެ ލޯބިވާ ފިރިމީހާ އަލުން ލިބިއްޖެއެވެ. ކުރިއަށްވުރެން މާ ބޮޑަށް އަހަރެންދެކެ ލޯބިވާކަމުގެ އިހްސާސްވެއެވެ. ދުޢާ އަކީ އަބަދުވެސް މިގޮތުގައި  ދިރިއުޅުން ކުރިޔަށް ދިޔުމެވެ. 

މިއީ އަހަރެންގެ ވާހަކައެވެ. މިކަން ތަހައްމަލު ކުރާ އެތައްބަޔަކު އުޅޭނެކަން ޔަގީނެވެ. މިވާހަކަ ހިއްސާ މިކޮށްލީ އިބުރަތަކަށް ވާނެކަމުގެ އުއްމީދުގައެވެ. ހަޔާތުގައި ދިމާވާ ކަންކަމުގައި ކެތްތެރިކަން އިސް ކުރާށެވެ. ކައިވެނީގެ މަގުސަދު އޮޅުވާނުލާށެވެ. ކައިވެނި ކުރަނީ ވަފާތެރި ކަމާއި އެކުގައި އުޅުމަށެވެ. ހާއްސަކޮށް ކައިވެންޏަށްް ފަހު ކިތަންމެ ބޭނުން ވިޔަސް ހުރަސް ނުކުރެވޭނެ އިންތަކާއި މިންތަކެއް ހުންނާނެކަން ހަދާން ކުރާށެވެ.  

- މިއަދުނޫހުގެ ކިޔުންތެރިއެއް 

(މިވާހަކައަކީ މިއަދުނޫހުގެ ކިޔުންތެރިއަކު ލިޔެފައި ފޮނުވި ވާހަކައަކަށްވުމުން ގެނެސްދީފައި އެވަނީ އަޞްލާއި އެއްގޮތަށެވެ.)

 

މިއަދު އޮންލައިން