ޢިބްރަތްތެރި ވާހަކަ: ދޮންދަރިންނަށް ނަފްރަތުކުރާ ދޮންމަންމައިންނަށް ސަމާލުވާށެވެ! އެއީ އަމިއްލަ އެދުން ބޮޑުކަމާ މުދަލުގެ ދަހިވެތިކަމުގަ އުޅޭކަމުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 4ސ
ޢިބްރަތްތެރި ވާހަކަ: ދޮންދަރިންނަށް ނަފްރަތުކުރާ ދޮންމަންމައިންނަށް ސަމާލުވާށެވެ! އެއީ އަމިއްލަ އެދުން ބޮޑުކަމާ މުދަލުގެ ދަހިވެތިކަމުގަ އުޅޭކަމުގެ ޢަލާމާތެއް!

ދިރިއުޅުމުގައި ކަންކަން ދިމާވާ ގޮތަކުން ދަރިންނަށް ދޮންމަންމައެއް ހޯދައިދޭން ޖެހިދާނެއެވެ. މާނައަކީ ދެވަނަ ކައިވެންޏެއް ކުރަންޖެހިދާނެއެވެ. އެފަދަ ޙާލަތުގައިވެސް ތިމާއަށް ލިބިފައި ދަރިން ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކުރުން އެއީ ތިމާގެ އެންމެ މުހިންމު މަސްއޫލިއްޔަތުކަން ދަންނަންވާނެއެވެ.  

ތިރީގައި އެވަނީ އެކަމުގައި ފޭލްވި ބައްޕައަކަށް ކުރަންޖެހުނު ހިތި ތަޖުރިބާތަކުގެ ވާހަކައެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!  

އަޅުގަނޑުގެ މަންމަ އާއި ބައްޕައަށް ލިބުނު ހަމައެކަނި ދަރިފުޅަކީ އަޅުގަނޑެވެ. މަންމަ އާއި ބައްޕަ އަޅުގަނޑު ގެންގުޅެ ބޮޑުކުރީ ވރަށް ލޯބިންނެވެ. ލޯބިދީގެންނެވެ. އެހެންނަމަވެސް ތަޤްދީރު ދިމާވީ ވަރަށް ދެރަގޮތަކަށެވެ. އުމުރުން 17 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. އެއިގެ 1 އަހަރު ފަހުން ބައްޕަ ދެވަނަ ކައިވެނިކުރުމުން އަޅުގަނޑަށް ވާންޖެހުނީ ދޮންމަންމަގެ އަޅަކަށެވެ.  

އެވަރުންވެސް ދޮންމަންމަގެ ހިތްހަމައެއް ނުޖެހުނެވެ. ބައްޕަ ގާތު ތަފާތުވާހަކަތައް ދައްކަމުން ގޮސް ބައްޕަގެ ހިތް އަޅުގަނޑާއިމެދު މުޅިން ބަދަލުވެ އަޅުގަނޑު ގެއިން ފޮނުވާލަން ނިންމިއެވެ. ބުނީ މަންމަގެ ދައްތަ (މައިފުށުގެ ބޮޑުދައިތަ) އާއި ވާހަކަދައްކައިފިން ކަމަށާއި ރަނގަޅުވާނީ އެގެއަށް ބަދަލުވުން ކަމަށެވެ.  

ޝުކުރުކުރީމެވެ. ލެއްވެވި ރަޙްމަތަށް ޙަމްދުކޮށް އެގެއަށް ބަދަލުވީމެވެ. ދައްތަ އާއި ދައްތަގެ ފިރިމީހާ އަޅުގަނޑާއިމެދު ކަންކަން ކުރީ ވަރަށް ރަނގަޅަށެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ. އެދެމަފިރިންނަކީ ބައްޕަ ފަދަ ތަނަވަސް ބައެއް ނޫނެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑު ބެލެހެއްޓީ ވަރަށް ލޯބިންނެވެ.  

އުމުރުން 20 އަހަރުގައި ކައިވެނިކޮށްފީމެވެ. ފިރިމީހާއަކީ އެހައި ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ވަރަށް ހެޔޮލަފާ މީހެކެވެ. ތަޤްވާވެރިއެކެވެ. ފިރިމީހާ ވެސް އަޅުގަނޑަށް ވަރަށް ހެޔޮކޮށް ކަންކަންކުރިއެވެ. ގެންގުޅުނީ ވަރަށް ލޯބިންނެވެ. ވީމާ ބައްޕަގެ ލޯބި ނުލިބުނު ނަމަވެސް އަޅުގަނޑަކީ އެހެން މީހުންގެ ލޯބި ލިބުނު އަންހެނެކެވެ.  

ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެންޏަށް 3 ވަނަ އަހަރު އެވެ. ދަރިފުޅު ލިބުނުތަނާ ފުރަތަމަ ފަހަރަށް ބައްޕަ އަޅުގަނޑުމެންނަށް ޒިޔާރަތްކުރިއެވެ. ހުރީ ވަރަށް ދެރަވެފައެވެ. އެހެންވެ މާގިނަ ވާހަކަތަކެއް ނުދައްކައި ދަރިފުޅު ގެންގޮސް ބައްޕަގެ އުނގަށްލީމެވެ. ދަރިފުޅަށް ބަލަން އިނދެ ބައްޕަ ކަރުނައަޅަން ފެށިއެވެ.  

އެކަމަކަށްވެސް ބަހެއް ނުބުނަމެވެ. ފިރިމީހާ ބުނީ ބައްޕަ ރޯލަން ދޫކޮށްލުން ރަނގަޅުވާނެ ކަމަށެވެ. ބައްޕައަށް ހަމަޖެހުން ލިބޭނީ ކަރުނަފޮދެއް ބޭރުވުމުން ކަމަށެވެ. އެހެންވެ އަނގައިވެސް ނުބުނެ ބަލަން ތިބީއެވެ.

އިރުކޮޅަކުން ރުއިން ހުއްޓާލާފައި ބައްޕަ ފުރަތަމަވެސް އެދުނީ މާފަށެވެ. އަދި އެދުނީ ބައްޕަ އާއިއެކު ދިރިއުޅެން ބައްޕަގެ ގެއަށް ބަދަލުވުމަށެވެ. "ދަރިފުޅު ފޮނުވާލެވުނީ ދޮންމަންމަގެ ބަހަށް ހެއްލެވިގެން. އޭނާގެ އަޞްލު ސިފަ ފެނުނީ ވަރަށް ފަހުން. ބައްޕަ ދެކެ ލޯބިވާކަމަށް ހެދިގެން އުޅުނީ ގެއާ މުދަލުގެ ދަހިވެތިކަމުގަ. ހުރިހާ ކަމެއް ފަޅާއެރީ ބައްޕައަށް ސިހުރު ހައްދުވަން އުޅުނުކަން ފަޅާއެރުމުން. ބައްޕަ ސަލާމަތްވީ ހަމަ ނަޞީބަކުން. އެހިސާބުން ވަރިކޮށްލާފަ ފޮނުވާލައިފިން. ވީދެރައިން ގެއިން ނުނުކުމެ ހުރެއްޖައިން. ދެރަވީ އޭނާ ފޮނުވާލަން ޖެހުމަކުން ނޫން. ދަރިފުޅާއިމެދު ކަންކަން ކުރެވުނު ގޮތުން. ބައްޕައަށް ކުރެވުނީ ވަރަށް ބޮޑު ކުށެއް. އެދެނީ ބައްޕައަށް ހިތްހެޔޮކޮށްދީ މާފުކޮށްދިނުން." ކަމަށްވެސް ބައްޕަ ބުންޏެވެ.  

އަޅުގަނޑު ބައްޕައަށް މާފުކުރީމެވެ. ބައްޕައެދުނު ފަދައިން ގެއަށް ބަދަލުވެ ބައްޕައާއިއެކުގައި ދިރިއުޅެން ފެށީމެވެ. ބައްޕަ އެކަނިވެ ދެރަވެފައި ހުންނާތީ އެތަން ބަލަން ތިބެން ކެތް ނުކުރެވިގެން ބައްޕައަށް އެހީތެރިވާން ދޮންމަންމައަކު ހޯދަން ޖެހުމުން އެކަންކޮށްދިނީ ފިރިމީހާއެވެ.  

އެދޮންމަންމަވީ ވަރަށް ހެޔޮލަފާ އަންހެނަކަށެވެ. ބައްޕައަށް ވެސް އަޅުގަނޑުމެންނަށް ވެސް ކަންކަންކުރީ ވަރަށް ހެޔޮކޮށެވެ. ގޭގައި އުޅުނީ އަޅުގަނޑުމެން ދެމަފިރިންނަކީ އޭނާގެވެސް ދަރިން ކަމަށް ބަލައިގެންނެވެ.  

އަޅުގަނޑަށް ފާހަގަކުރެވުނު ތަފާތަކީ، ނުވަތަ ދެ ދޮންމަންމައިންގެ ތަފާތަކީ ތަޤްވާވެރިކަމެވެ. ކުރީ ދޮންމަންމައަކީ އެއްގޮތަކަށްވެސް ސަޖިދަކުރާ އަންހެނެއް ނޫނެވެ. ނަމަވެސް ދެވަނަ ދޮންމަންމައަކީ ބައްޕަވެސް ހޭލައްވައިގެން ދެމީހުން އެކުގައި ދަމުނަމާދުވެސްކުރާ ދޮންމަންމައެކެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދޮންމަންމައެކޭ ބުނާއިރަށް އެއީ ނުބައި އަންހެނެއް ކަމަށް ނުވިސްނާށެވެ. މިސާލަކަށް އަޅުގަނޑުގެ ދަރިފުޅު ބެލުމަކީ ދޮންމަންމައަށް ކުރަންޖެހޭނެ ކަމެއް ނޫނެވެ. ނަމަވެސް ކޮޓަރިން ބޭރަށް ދަރިފުޅު ނެރޭއިރަށް އައިސް އަތުލައިގެން ގެންގުޅޭނީ ދޮން މަންމައެވެ. މާމައަކު ފަދައިން އަޅުގަނޑުގެ ދަރިފުޅު ދެކެވެސް ލޯބިވިއެވެ.  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރީވެސް މިވާހަކަ ބުނެލުމުގެ ބޭނުމުގައެވެ. ދެން ބުނެލަން އޮތީ ބައްޕައިން ވިސްނަންޖެހޭ ކަންތަކުގެ ވާހަކައެވެ. އެއީ ކިތަންމެ ވަރަކަށް ލޯބިވި ނަމަވެސް ދަރިން ބާކީ ނުކުރުމެވެ. ބައްޕަގެ ދަރިންނަށް ނިކަމެތިކޮށް ހިތާނަމަ އެއަންހެނަކީ ނުބައި އަންހެނަކުކަން ދަނެގަންނަން ޖެހޭނެ ކަމެވެ. އަޅުގަނޑުގެ ބައްޕައަށްވެސް ނުކުރެވުނީ އެކަމެވެ.  

އިތުރަށްވެސް ބުނެލާނަމެވެ. ދޮންދަރިންނަށް ނަފްރަތުކުރާ ދޮންދަރިންނަށް ނުބައި ދޮންމަންމައިންނަށް ސަމާލުވާށެވެ! އެއީ އަމިއްލަ އެދުން ބޮޑުކަމާ މުދަލުގެ ދަހިވެތިކަމުގަ އުޅޭކަމުގެ ޢަލާމާތެކެވެ!

 

- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން