ރާއްޖޭގައި ތިބެގެން ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވެވޭނެ ފަސް ދާއިރާއެއް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރާއްޖޭގައި ތިބެގެން ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވެވޭނެ ފަސް ދާއިރާއެއް ފާހަގަކޮށްފި

ދިވެހިރާއްޖޭގައި ތިބެގެން ޑޮކްޓަރުންނަށް ސްޕެޝަލައިޒް ވެވޭނެ ފަސް ދާއިރާއެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ދާއިރާތަކުން ކިޔަވައިދިނުމަށް ބޭނުންވާ ތައްޔާރީތައް ވަމުން އަންނަ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޫލް އޮފް މެޑިސިންއިން ހާމަކޮށްފިއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އެމްއެންޔޫ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ ޢަލީ ވިދާޅުވީ، ރާއްޖޭގައި ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ފެށުމުގެ ޤާބިލްކަން ދިވެހި ޑޮކްޓަރުންގެ ކިބައިގައި އެބަހުރި ކަމަށެވެ. ނަމަވެސް މިކަން ފެށުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝީޒާ ވިދާޅުވި ގޮތުގައި، ސްކޫލް އޮފް މެޑިސިންގެ ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީގެ މަންހަޖަށް ރާއްޖެއާ ގުޅޭގޮތުން ކުދި ބަދަލުތަކެއް ގެނެސްގެން ކިޔަވައިދެމުންދާއިރު، ކޮންމެ އަހަރަކު ދެ ފަހަރު ކިޔަވައިދިނުމުގެ ކަންކަން މޮނީޓަރ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ފައިނަލް އިމްތިޙާނުތަކަށް ބޭރުގެ އެގްޒަމިނަރުން ގެންނަކަންވެސް ޑީން ފާހަގަކުރެއްވިއެވެ.

ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝީޒާ ވިދާޅުވީ، "އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން ދިވެހިރާއްޖޭގައި ސްޕެޝަލައިޒް ވުމަށް ދާއިރާތަކެއް، އަޅުގަނޑުމެންނަށް ކަނޑައަޅައި އެދާއިރާތަކުގެ ސްޕެޝަލައިޒޭޝަން ފެށުމުގެ ޤާބިލްކަން ދިވެހިރާއްޖޭގެ ޑޮކްޓަރުންގެ އެބަހުރި."

މި ޕްރޮގްރާމްތައް ފެށުމަށްޓަކައި މެޑިކަލް ކައުންސިލާއި އެމްކިއުއޭއިން ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ޖާގައިގެ ދަތިކަމާއި އިދާރީ ކަންކަން ފުރިހަމަވުމުން ކާމިޔާބުކަމާއެކު 4 ނުވަތަ 5 ދާއިރާއަކުން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސްކޫލް އޮފް މެޑިސިންއިން ބުނެއެވެ.

މިއަދު އޮންލައިން