ހައްޖާއި އުމްރާގެ ހިދުމަތް ދިނުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: ޑރ.ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހައްޖާއި އުމްރާގެ ހިދުމަތް ދިނުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: ޑރ.ޝަހީމް

ހައްޖާއި އުމްރާގެ ހިދުމަތް ދިނުމާ ބެހޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ގާނޫނުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ދައުރާއި، އަމިއްލަ ކުންފުނިތަކުގެ ދައުރުގެ އިތުރުން، ހައްޖާއި އުމްރާގެ ކަންކަމަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ފިޔަވަޅު އެޅޭނެ ގޮތްތައް ބަޔާންކުރާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ މިފަދަ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލެވިގެން ކަމަށެވެ. "މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަކާއި ގުޅޭ ކަމެއް. ގާނޫނެއް އޮންނަންޖެހޭ. މިކަން ހުއްޓޭނީ ގާނޫނެއް އޮވެގެން. މާދުރު ނޫން މުސްތަގުބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާޢީދާއެކު މިކަމަށް އަދުލުވެރި ހައްލެއް ގެނެސްދެވޭނީ،" ވަޒީރު ވިދާޅުވި އެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ފަހު، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކުން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ. މިފަދަ ކަންކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެކަންކަން ހުއްޓުވުމަށް ގާނޫނީ ބާރުވެރިކަން ބޭނުންވާ ކަމަށް މިނިސްޓްރީން ދެކެއެވެ.

މިހާރުވެސް ހައްޖާއި އުމްރާގެ ހިދުމަތް ދެނީ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއްގެ ތެރެއިން ކަމަށްވީ ނަމަވެސް، ހާއްސަ ގާނޫނެއް އެކުލަވާލެވުމުން މި ދާއިރާ އިތުރަށް ހަރުދަނާވެ، ހިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

މިއަދު އޮންލައިން