ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށްޓަކައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

މި ބިލުގައި ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވަޒީފާދޭ ފަރާތްތަކުންނާއި، ޤާނޫނުގެ ދަށުން އުފައްދާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށްފައިވެއެވެ. މީގެ މައިގަނޑު މަގްސަދަކީ ޝިކާރައަކަށްވާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރެވޭނެ މޭރުމުން ޝަކުވާތައް ބެލުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ހަރުދަނާކުރުމެވެ.

ސަރުކާރުން މި އިސްލާހު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތްތަކުން ޤާނޫނު ތަންފީޒުކުރާ މިންވަރު ބަލައި މޮނިޓަރ ކުރުމުގެ ބާރުގެ ދާއިރާ އިތުރަށް ފުޅާކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުން ހިމެނެއެވެ. އަދި ފުރައްސާރަ ނުވަތަ ގޯނާގެ އަމަލު ހިންގީ ސީދާ ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ ރަސްމީ ވަގުތެއްގައި ކަމަށްވާން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އާ އިސްލާހުގެ ދަށުން ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް އެތަނަކަށް ޚާއްސަ ސިޔާސަތެއް އެކުލަވާލަންޖެހޭނެއެވެ. އަދި ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، އެފަދަ އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަންގައި ހޭލުންތެރިކުރުވުމާއި ތަމްރީންތައް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ބިލުގައިވާ އަނެއް މުހިންމު ބަދަލަކީ، ޤާނޫނުގެ ދަށުން އުފައްދާ ކޮމިޓީތައް އެކުލަވާލުމަށްފަހު އެކަން ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އަންގަންޖެހޭ ގޮތަށް ހަމަޖެއްސުމެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން މިފަދަ ކޮމިޓީތައް އެކުލަވާލުމަށްފަހު އަންގަންޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.

މިއަދު އޮންލައިން