އެޅިފިޔަވަޅަކުން މީހަކަށް ގެއްލުންވިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ފުލުހުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެޅިފިޔަވަޅަކުން މީހަކަށް ގެއްލުންވިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ފުލުހުން

އެއްވުމެއް ހިނގި ސަރަހައްދެއްގައި ފުލުހުން އެޅިފިޔަވަޅަކުން މީހަކަށް ގެއްލުންވިކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ދޮގުކުރައްވައިފިއެވެ. ފުލުހުން މިކަން ހާމަކުރެއްވީ ރޭގެ ވަގުތެއްގައި ހިނގި އެއްވުމަކާ ގުޅިގެން މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަޙައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުން ވަނީ ރޭގެ އެއްވުން ކޮންޓްރޯލްކުރުމުގައި އެއްވެސް ވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. "ފަތުރާ ވާހަކަތަކާ ޚިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ނުވާނެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަންވެސް ވަނީ ސާފުކޮށްދެއްވާފައެވެ.

ހަގީގަތާ ޚިލާފަށް ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ދަޢުލަތުގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ފުލުހުން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެއްވެސް މަޢުލޫމާތެއް ފެތުރުމުގެ ކުރިން އޭގެ ސައްޙަކަން ކަށަވަރުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ މީޑިއާތަކަށާއި، އިދާރާތަކުގެ އިތުރުން އާއްމު ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން