ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ފަސް ވަނަ ސްޓްރެޓީޖިކް ޕްލޭން އޭސީސީ އިން އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ފަސް ވަނަ ސްޓްރެޓީޖިކް ޕްލޭން އޭސީސީ އިން އާންމުކޮށްފި

ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމުގެ އަމާޒު ހިމަނައިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ފަސް ވަނަ ސްޓްރެޓީޖިކް ޕްލޭން މިއަދު އާންމުކޮށްފިއެވެ. މި ޕްލޭނަކީ ކޮރަޕްޝަންގެ ހިރާސް ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން، ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެއްކަމަށް އޭސީސީން ބުނެއެވެ.

މި ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުމެވެ. އޭސީސީން ހާމަކުރި ގޮތުގައި މި ސްޓްރެޓީޖިކް ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އެއީ ގަވަރނަންސް އަދި އިދާރީ ތަރައްޤީ، އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ޙާސިލްކުރުން، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން، ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކުރުން، އަދި ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން ހިމެނޭ ދާއިރާތަކެވެ.

އިދާރީ ގޮތުން ކޮމިޝަން ހަރުދަނާކުރުމަށްޓަކައި ޤާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖޭ ތަނަކަށް ހެދުމަށް މި ޕްލޭންގައި ވަނީ ރާވާފައެވެ. މީގެ އިތުރުން ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މަޢުލޫމާތު ދިނުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް މި ޕްލޭންގައި އިސްކަންދީފައިވެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމެވެ. އެގޮތުން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރާނެކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން