ރަޖިސްޓްރީ ނުކުރާ އެސްއޭއެސް މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ ސަމާލުވާން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރަޖިސްޓްރީ ނުކުރާ އެސްއޭއެސް މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރާތީ ސަމާލުވާން އިލްތިމާސްކޮށްފި

ރަޖިސްޓްރީ ނުކުރާ އެސްއޭއެސް މެޑިކަލް ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިލްތިމާސްކޮށްފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެސްއޭއެސް މެޑިކަލް ކޮލެޖުގެ ނަމުގައި ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖެއް ކަމަށް ބުނެ، އެ ކޮލެޖަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މަރުކަޒަކީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒެއް ނޫން ކަމަށް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާއާ ހަވާލާދީ އެ ވުޒާރާއިން ވިދާޅުވީ، ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ނޫނީ ޔުނިވަރސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް ބުނެ އިޝްތިހާރު ކުރުމަކީ މަނާކަމެކެވެ.

އެސްއޭއެސް މެޑިކަލް ކޮލެޖް، މޯލްޑިވްސްގެ ފަރާތުން އާންމުންނަށް އޮޅުން އަރާ ފަދަ ގޮތަކަށް މިފަދަ އިޝްތިހާރުތައް ކުރަމުންދާތީ، އެއްވެސް ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެއީ ރަޖިސްޓްރީކޮށްފައިވާ ތަނެއްތޯ ބެލުމަށް ދަރިވަރުންނާއި އާންމުންނަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން