މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބުނު އާމްދަނީ 33 އިންސައްތަ އިތުރުވެ، ކުންފުނީގެ ސާފު ފައިދާ 20 އިންސައްތަ މަތިވެފައިވާކަން އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.
އެސްޓީއޯ އިން އާންމުކުރި ބަޔާނުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ބަންކަރިން ހިމެނޭހެން ތެޔޮ ވިއްކި މިންވަރު 27 އިންސައްތަ އިތުރުވުން ހިމެނެއެވެ.
މީގެ އިތުރުން، ކުންފުނީގެ އެހެނިހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ، ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާ ވަނީ 14 އިންސައްތަ އިތުރުވެ، 368 މިލިއަން ރުފިޔާއަށް އަރާފައެވެ.
މާލީ ރިޕޯޓުތައް ދައްކާގޮތުން، ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 276 މިލިއަން ރުފިޔާ އެވެ.