އެއީ ތަނަވަސް އަންހެނެކެވެ. މައިންބަފައިން ވަނީ އޭނާއަށް ތަނަވަސްކަން ފޯރުކޮށްދީފައެވެ. ދިރިއުޅޭނެ ރަނގަޅު ފެންވަރުގެ ގެއެއް ދިނުމުގެ އިތުރުން ވިޔަފާރިކޮށްގެން ތަނަވަސްކަން އިތުރުކުރެވޭނެ މަގުވެސް ވަނީ ތަނަވަސްކޮށްދީފައެވެ.
އޭނާ ކައިވެނިކުރީ އެކުގައި ޔުނިވަސިޓީގައި އުޅުނު ކުއްޖަކާއިއެވެ. އޭނާއަށް އެނގިފައި އޮތީ ފިރިމީހާއަކީ މައިންބަފައިން ނެތް ޒުވާނެއް ކަމެވެ. އެހެންވެ އޭނާގެ ޢާއިލާއާއިބެހޭގޮތުން މައުލުމާތު ހޯދަން މަސައްކަތެއްވެސް ނުކުރެއެވެ.
ކައިވެންޏަށް އަހަރުވީތަނާ މަގުމަތިން ފެނުނު ފަޤީރު އަންހެނަކަށް އެހީތެރިވުމުގެ ގޮތުން އެއްޗެއްދޭން ގެއަށް ގެންދިއައެވެ. ގެއިން އޭނާއަށް ފިރިމީހާ ފެނުމާއިއެކު ދިއައީ ސިއްސައިގެންނެވެ. ވަރަށް ބާރަށް ބުނެވުނީ "ދަރިފުޅާއެވެ!"
ދަރިފުޅު މަސައްކަތްކުރީ އޭނާގެ ޙަޤީޤަތް ފޮރުވުމަށެވެ. އޭނާގެ މަންމައަށް ވީގޮތެއް ވަރަށް ކުޑައިރުންސުރެ ނުއެނގޭކަމަށް ބުނުމުން މަންމަ ކިޔައިދިނެވެ. "ދަރިފުޅާއެވެ! ދޮގުހަދަންވެސް ވަކި މިންވަރެއް އޮންނަންވާނެއެވެ! ދަރިފުޅު ކުޑައިރު ބައްޕަ ފިލައިގެން ދިއުމުން މިމަންމަ ތިއަ ދަރިފުޅަށް ކިޔަވައިދިނީ ކިތައް ގޭގައި ނޯކިރީކޮށްގެންކަން ދަރިފުޅަށް އެނގޭނެއެވެ. އެންމެ ތަނަވަސް މީހުންގެ ަދރިން ކިޔަވާ ޔުނިވަސިޓީއަކަށް ދަރިއަކު ފޮނުވި މަދު ފަޤީރުންގެ ތޭރޭގައި މަންމަ ހިމެނޭނެއެވެ. ކިޔަވައިނިމި ވަޒީފާއެއް ލިބި މުސާރަލިބެން ފެށުމާއިއެކު ދަރިފުޅުފިލީއެވެ. ފޯނުނަންބަރުވެސް ބަދަލުކުރީއެވެ.
ތިއައީ އަހުރެންގެ ދަރިފުޅު ނޫންނަމަ އަހުރެންފަދަ މުސްކުޅި އަންހެނަކަށް ދަރިފުޅާއިމެދު ނުއެނގޭނެ ކަމެއްގެ ވާހަކަ މިބުނަނީ ލަދުވެތިކަމާއިއެކުގައެވެ. އެހެން ގޮތެއް ނެތީމައެވެ. ދަރިފުޅުގެ ގުނަވަނަށްވުރެ އެއް އިންޗިމަތީގައި ފުއްޕާފައި އިން 3 ވަރުގެ ލަކުނެއް ހުރަހަށް އިންނާނެއެވެ. އެއީ އުމުރުން 6 އަހަރުގައި ކުރަންޖެހުނު އޮޕަރޭޝަނެއްގެ ލަކުނެވެ. އެލަކުނު ފިލުވަން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް ކާމިޔާބުނުވީއެވެ."
އެހިށާބަށް ބުނާއިރަށް އަނބިމީހާއަށް ކެތްނުކުރެވިގެން ފިރިމީހާގެ މޫނުމަތީގައި ޖަހާފައި ސުވާލުކުރީ މަންމަ ފެނުމުން ވަކިކުރަން ނުއެނގިގެން ތިއައުޅެނީ ކިތައް ކިލޯ ބޮއިގެން ނޫނީ ކައިގެން ހުރީމައިތޯއެވެ؟" އަނބިމީހާ އެހެން ބުނުމުން ޖަވާބުދޭން އުޅެއުޅެ ޖަވާބެއް ނުދެވުނެވެ. ވާހަކައެއް ނުދެއްކުނެވެ. ދެން ވާހަކަދައްކަންޖެހުނީ އަތުންނެވެ. ލިޔެގެންނެވެ. އެކަމަށް އެންމެ ދެރަވީ މަންމައެވެ. ދަރިފުޅަށް އެފަދަ ބޮޑު ދެރައެއް ލިބުނީތީއެވެ.
އަނބިމީހާ ބޭނުންވީ ވަޤުތުން ވަރިވާށެވެ! "ތިއަހުރީ ﷲ ކޯފާލައްވަވާފަ! ގޭގަ ގެންގުޅެންވެސް ހެޔޮނުވާނެ! ގެއަށްވެސް ކޯފާ ލައްވަވައިފާނެ!" ކަމަށް ބުންޏެވެ. ނަމަވެސް މަންމަ ތަކުރާރުކޮށް ކުރި އާދޭހަށް އެކުގައި އުޅުނީއެވެ. އޭނާއަށް ޝިފާއެއް ލިބޭތޯ ޢިލްމްވެރިންގެ އަރިހަށް ގޮސް ކުރިމަސައްކަތާ މަންމަގެ ދުޢާއިން އޭނާއަށް ވާހަކަދެއްކުނީ 6 މަސްދުވަސްފަހުންނެވެ.
މިޙާދިސާގައި އެޒުވާނާ ދޮގުހެދީ އޭނާއަކީ ފަޤީރެއްކަން އެނގިއްޖެނަމަ ތަނަވަސް އަނބިމީހާ ގެއްލިދާނެކަމުގެ ބިރަށެވެ. ކައިވެނިކުރަންވުމުން މަންމައަށް ފިލީވެސް ހަމައެހެންވެގެންނެވެ. އަނބިމީހާގެ މައްސަލައަކަށްވީ އޭނާގެ ފަޤީރުކަމެއް ނޫނެވެ. މަންމައަށް އަނިޔާވެރިވުމެވެ. ގަދަކަމުން ވަރިނުވީ ފިރިމީހާގެ މަންމަދެކެ ލޯބިވެވުނުލެއް ބޮޑުކަމުންނެވެ.
އުންމީދަކީ އެތައް އަހަރަކު ޤުރްބާންވެގެން ދަރިން މީހުންނަށް ހެދުމުން މަންމަވީ ޤުރުބާނީގެ އަގު ވަޒަންނުކުރާ ދަރިންނަށް ރަނގަޅު ޢިބްރަތަކަށްވާނެ ކަމަށެވެ.
- ސިއްތި / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-