އެއީ ތަޤްވާވެރި އެކަނިވެރި މަންމައެކެވެ.
ދިރިއުޅެނީ ގެއެއްގައި ނޯކިރީކޮށްދީގެންނެވެ. 6 އަަހރުގެ ކުޑަދަރިފުޅާއިވެސް އެކުގައެވެ. ގޭގެ ދެމަފިރިންގެ ތެރެއިން އަނބިމީހާ އޭނާއާއިމެދު ބަލަނީ ޝައްކުގެ ލޮލަކުންނެވެ. އެއީ އޭނާގެ ފިރިމީހާ ދެމައިންނަށް ހެޔޮކޮށްހިތާތީއެވެ. ބައެއްފަހަރު ކައިހަދާއިރު އެކުއްޖާއާއި އެއްމޭޒުމަތީގައި ކައިހަދާތީއެވެ.
ފިރިމީހާގެ މަންމައަކީ ބަލިމީހެކެވެ. އެއްވެސް ވަރަކަށް އަސޭމިރުސް ކެއުން އޮންނަނީ މަނާކޮށްފައެވެ. އެހެންވެ މަންމައަށް ކައްކަންޖެހެނީ ވަކިންނެވެ. އެއްރޭ ކައްކާފައި ހުރި ބަތްޕެންފޮދެއްގެ ތެރެއިން އަސޭމިރުސް ފެނިއްޖެކަމަށްބުނެ އެނިކަމެތި ދެމައިން ގެއިން ބޭރުކޮށްލީ އެއަށް އަސޭމިރުސް ނުއަޅާކަމަށް ހުވާކުރަމުން ދަނިކޮށެވެ.
ދާނެ ތަނެއް ނުއެނގި ދެމައިން މަގުމަތީގައި ތިއްބައި އައިސް މަޑުކުރި ޓެކްސީއަކަށް އެރުމުން ގެންގޮސް ބެއިލީ ގެސްޓްހައުސްއަކަށެވެ. އަނބިމީހާއަށް ނުއަންގައި އެދެމައިންނަށް އެހީތެރިވެދިނީ ފިރިމީހާއެވެ. ދެމައިންނަށް ގޮތެއް ފެންނަންދެން ތިބުމާއި ކެއުންބުއިންވެސް ހަމަޖައްސައިދިނެވެ. ހަމައެކަނި ﷲ އަށްޓަކައެވެ.
އެއިގެ ފަހުން 3 ވަނަ ދުވަހެވެ. އަނބިމީހާ ހޮޑުލެވޭތީ ހޮސްޕިޓަލަށް ގެންދިއުމުން ޓެސްޓްތައް ހަދާފައި ބުނީ ލަފާކުރެވެނީ މިދަލުގެ ނަޖިސް ކެވިގެންކަމަށެވެ. ސުވާލަކީ ދުވަހަކުވެސް މީދަލެއް ފެނިފައިނުވާ ގެއެއްގައި އެފަދަ ކަމެއް ހިނގީ ކިހިނަކުން ހެއްޔެވެ؟ އޭނާއަށް ޝިފާލިބި ހޮސްޕިޓަލުން ސަލާމަތްވެވުނީ 7 ދުވަސްފަހުންނެވެ. ގަދަހުމެއްވެސް އައުމާއިއެކުގައެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގެންގޮސް ހަމަޖެހިލުމަށްފަހު ފިރިމީހާ ވިސްނައިދިނެވެ. "އެނިކަމެތި ދެމައިންގެ ބޮލުގައި ބޮޑު ކުށެއް އަޅުވާފައި ގެއިން ނެރެލިއިރުވެސް އެއީ ދޮގު އިލްޒާމެއްކަން އެނގުނެވެ. ބަހެއް ނުބުނީ ޒުވާބުނުކުރަންވެގެންނެވެ. ދެންވެސް ވިސްނާށެވެ. ނިކަމެތިންނަށް ދެރަދީފައި އުފަލުގަ އުޅެވޭނެ ކަމަށް ހީވެސްނުކުރާށެވެ! ދެންވެސް އޭނާއަށް ގުޅައިގެން ގެނެސް މާފަށް އެދި ހެޔޮކޮށްހިތައިގެން ގެންގުޅޭށެވެ."
އަނބިމީހާއަށް ވިސްނި ފރިމިހާ އެދުނު ގޮތަށް ކަންތައްކުރިއެވެ. ހިތްސާފުކޮށް ކަމޭހިތައިގެން ދެމައިން ގެންގުޅުނެވެ.
އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. ނިކަމެތިންނަށް ދެރަދިނުމުގެ ވިސްނުން ދޫކޮށްލައި ހެޔޮކޮށްހިތާނެ ކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-