މަޢުލޫމާތު ފުރިހަމަ ނުކުރާ ބިދޭސީން އަންނަ މަހުގެ 2 އިން ފެށިގެން ޑީޕޯޓް ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަޢުލޫމާތު ފުރިހަމަ ނުކުރާ ބިދޭސީން އަންނަ މަހުގެ 2 އިން ފެށިގެން ޑީޕޯޓް ކުރަނީ

މިހާތަނަށް ފުރިހަމަ މަޢުލޫމާތު ދީފައިނުވާ ބިދޭސީން އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ޑީޕޯޓްކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ފެށުމުގެ ކުރިން ވާރކް ޕާމިޓް ފީއެއް ނުދައްކާ އަދި ވިސާއެއް ނެތި 148,417 މީހުން ތިބި ނަމަވެސް، އޭގެ ތެރެއިން ރާއްޖޭގައި ތިބީ ކިތައް މީހުންކަން އޭރު ޔަޤީން ކުރެވިފައެއް ނުވެއެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ޤަވައިދާ އެއްގޮތަށް ލިޔެކިޔުންތައް ހަމަކޮށް ފީތައް ދައްކާފައިވާ ބިދޭސީންގެ ނިސްބަތް ވަނީ %28.97 އިން %62 އަށް އިތުރުވެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ގާތްގަޑަކަށް ދެލައްކަ ހަ ހާސް މީހުންގެ ފިންގަ ޕްރިންޓް ނަގައި، ބަޔޯމެޓްރިކްސް މަޢުލޫމާތު ވަނީ ސިސްޓަމަށް އެތެރެކުރެވިފައެވެ.

ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި މިވަގުތު މަޢުލޫމާތު ފުރިހަމަ ނުކޮށް ތިބީ 2,933 ބިދޭސީންނެވެ. އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފޭސް ފަށާނެ ކަމަށާއި، އެ ތާރީޚުން ފެށިގެން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މަޢޫލޫމާތު ނުދޭ މީހުން ހޯދައި، ހައްޔަރުކޮށް ރާއްޖެއިން ޑީޕޯޓް ކުރަމުންދާނެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ފީ ނުދައްކާ އުޅޭ ކޮންމެ ބިދޭސީއަކުވެސް ވަގުތުން ޑީޕޯޓްކޮށްލެވޭނެ ކަމަށެވެ. "ކޮންމެ ފަރާތަކަށްވެސް، އެ ފަރާތުގެ ބެލުމުގެ ދަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ވާކް ޕާމިޓާއި ވިސާގެ ސްޓޭޓަސް ސިސްޓަމުން ފެންނަމުންދާނެ. އެންމެ ފަހުން ވިސާގެ ފީ ދައްކަންޖެހޭ ދުވަސް އިނގޭނެ. އެ ދުވަސްތެރޭގައި ވިސާ ފީތައް ދައްކާ ޤަވައިދާ އެއްގޮތަށް ބިދޭސީން ގެންގުޅުމަކީ އެދޭކަމެއް،" ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން