ހަނގާކުރާ ފަރާތްތަކާ މެދު ޖިނާޢީ ފިޔަވަޅު އެޅުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހާއެކު މަސައްކަތްކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ ހަނގާކުރުމާއި އިޖުތިމާޢީ އާންމު މިންގަނޑާއި ޚިލާފު އެނޫންވެސް ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
ސްކޫލްތަކާއި، އޮފީސްތަކާއި އެނޫންވެސް ތަންތަނުގައި ހަނގާކުރުން ނުވަތަ ބުލީ ކުރުމުގެ މައްސަލަތައް އިތުރުވެ، އޭގެ ސަބަބުން ހިތާމަވެރި އެކި ޙާދިސާތައް ދަނީ ހިނގަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މީހުންގެ ފުރާނައަށް ނުރައްކާވެދާ މިފަދަ ކުށްތަކަކީ ސީރިއަސް ކުށެއްގެ ގޮތުގައި ނުވަތަ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިފަދަ ކުށްތަކަކީ ޖިނާޢީ ދަޢުވާ އުފުލޭވަރުގެ ކަންކަމަށް ހެދޭނެ ގޮތްތައް ދެނެގަތުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މިހާރު މަޝްވަރާކުރައްވަމުން އަންނަކަމަށެވެ. ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނައަށް ނުރައްކާވެދާ ފަދަ ޙާލަތްތައް މެދުވެރިވަމުންދާތީ، އެފަދަ ކަންކަމުގައި ޖިނާޢީ ފިޔަވަޅު އެޅޭނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"ބުލީކުރުމާއި ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ޚާއްސަކޮށް ޖިނާޢީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓަރނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގައި ހިނގާ މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވައި، ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުން ކަމަށްވެސް ދާޚިލީ ވުޒާރާއިން ފާހަގަކުރެއެވެ.