ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، އޭއައި ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލު މުހިންމު: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، އޭއައި ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލު މުހިންމު: މެޑަމް ސާޖިދާ

ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، ތަރައްގީއަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބައްޓަން ކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި މަޝްވަރާވެސް އޮންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "ގާލްސް އިން އައިސީޓީ" ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށްވެސް ހިތްވަރު ދިނުމަށް ގޮވާލައްވާފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ މާހައުލުގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަކީ މުސްތަޤުބަލުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އެކަކު އަނެކަކަށް އެހީތެރިވެ ހުރިހާ އެންމެން ޝާމިލްވުމުގެ ފުރުސަތު އޮންނަ މާހައުލެއް ޤާއިމްކޮށް، ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ނިސްބަތުން އަންހެނުން މަދުން ހަރަކާތްތެރިވާ ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރުދީ، މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ގުޅިގެން ކުރާ މަސައްކަތުން އެންމެން ބާރުވެރި ކުރެވޭނެ ކަމަށާއި، ޑިޖިޓަލް މުސްތަޤުބަލަކަށް އައު ޖީލެއް ބިނާ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. އެކަމަނާ ވަނީ އަންހެން ކުދިންނަށް އުނގެނުމުގައި އެހީވުމަށް ގޮވާލައްވައި، ފަންނިއްޔާތުގެ ދާއިރާގެ މުސްތަޤުބަލު ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަޤްވާމީ ގޮތުން ގާލްސް އިން އައިސީޓީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ ހަތަރުވަނަ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މަޢުލޫމާތާއި މުވާސަލާތީ ފަންނިއްޔާތުގެ ދާއިރާއިން އަންހެން ކުދިންނާއި އަންހެނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަދު އޮންލައިން