48 ގަޑިއިރު ތެރޭ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
48 ގަޑިއިރު ތެރޭ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭން ފަށައިފި

ފަތުރުވެރިންނަށް ދޫކުރާ ޓޫރިސްޓް ވިސާގެ މުއްދަތު ކުރިއަށްވުރެ ފަސޭހަކަމާއެކު އިތުރުކުރެވޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ. މިހާރު ގެނެވުނު ބަދަލާއެކު، 48 ގަޑިއިރުގެ ތެރޭގައި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭނެ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއަކަށްވެސް އޮން އެރައިވަލް 30 ދުވަހުގެ ވިސާ ލިބޭއިރު، ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާއަށް ލުއިދޭން ނިންމާފައިވަނީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. ހާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ، ފަތުރުވެރިން އިތުރު ދުވަސްތަކަކަށް ރާއްޖޭގައި މަޑުކުރަންޖެހޭ ހާލަތްތައް މެދުވެރިވަމުންދާތީ، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން މިފަދަ ލުއިތަކަކަށް އެދެމުންދިޔަކަން ސަރުކާރުން ފާހަގަކުރެއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވީ އިމިގްރޭޝަނާ ގުޅިގެން މިހާރު 'އިމުގަ' ޕޯޓަލް މެދުވެރިކޮށް ވިސާ މުއްދަތު އިތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ވިސާ މުއްދަތު އިތުރު ކުރުމަށްޓަކައި ޖުމްލަ 9 ލިޔުމެއް ހުށަހަޅަން ޖެހޭއިރު، އެ މަރުހަލާ ފުރިހަމަކޮށް ވިސާ ލިބުމަށް ގާތްގަނޑަކަށް 5 ދުވަސް ހޭދަވެއެވެ. ނަމަވެސް އައު ބަދަލާއެކު މިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިމިގްރޭޝަނުން ކުރެވުނު މަސައްކަތުން މިއަދުން ފެށިގެން، ހަމައެކަނި ޕާސްޕޯޓް ސައިޒު ފޮޓޯއެއް ސަބްމިޓް ކުރީމަ ގާތްގަނޑަކަށް އެއްދުވަސް ނުވަތަ ދެދުވަސް ތެރޭގައި، އެމީހާއަށް އެ އެކްސްޓެންޝަން ލިބިގެންދާނެ،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިއީ 'މޯލްޑިވްސް 2.0' ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރާތަކުން ރައްޔިތުންނާއި ވިޔަފާރިތަކަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއަދު އޮންލައިން