ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބީއެމްއެލްއިން ޚާއްސަ ހޯމް ފައިނޭންސިންއެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބީއެމްއެލްއިން ޚާއްސަ ހޯމް ފައިނޭންސިންއެއް ތަޢާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން އައު ހޯމް ފައިނޭންސިން ފެސިލިޓީއެއް މިއަދު ތަޢާރަފްކޮށްފިއެވެ. މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައެވެ.

މި ފެސިލިޓީ ތަޢާރަފްކޮށްފައިވަނީ އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިން ރޭޓަކާއެކުގައެވެ. ބީއެމްއެލްއިން ހާމަކުރި ގޮތުގައި މިއީ ރާއްޖޭގައި މިވަގުތު ސަރުކާރުގެ ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއި އަދި ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

މި ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި ޑޮލަރުން މުސާރަލިބޭ ދިވެހި މުވައްޒަފުންނަށެވެ. ބޭންކުން ބުނީ އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބަލާނެ ކަމަށެވެ. ނަމަވެސް، އެ އާމްދަނީއަކީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާވާ އާމްދަނީއަކަށް ވާންޖެހޭނެއެވެ.

މި ސްކީމްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "މި ފެސިލިޓީ ތަޢާރަފްކުރެވުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް" ކަމަށެވެ.

މި އައު ފެސިލިޓީއާއެކު، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ކުރާ މަސައްކަތުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން