ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ސިޔާސަތުގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މި ސްކީމުގެ ދަށުން ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމުން މިހާތަނަށް 20،000 ފޯމް ރަސްމީކޮށް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، ޕޯޓަލްގެ ޑްރާފްޓް މަރުހަލާގައި 16،000 ފޯމް އޮތްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ލަފާކުރައްވާ ގޮތުގައި މި ފުރުޞަތުގައި ޖުމްލަ 36،000 އެއްހާ ފޯމު ލިބޭނެއެވެ.
ޕޮއިންޓް ދިނުމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ޕޮއިންޓް ސިސްޓަމްއަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން. އައު ކެޓަގަރީތައް ގެނެސްފައި ހުންނާނެ،" ކަމަށެވެ. އަދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މެއި މަހުގެ 31 ވަނަ ދުވަސް ކަމަށާއި، އޭގެ ފަހުން ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.