ހިންގަމުންދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: ވަޒީރު މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ހިންގަމުންދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: ވަޒީރު މުއްޠަލިބް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖޭގައި މިހާރު ހިންގަމުންދާ އެއްވެސް ތަރައްޤީގެ މަޝްރޫޢެއް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، ރާއްޖެއަށް ބޭނުންވާ އިމާރާތްކުރުމުގެ ސާމާނު ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ލަސްތަކެއް އައުމާއި، ޚަރަދުތައް އިތުރުވުން ފަދަ ކަންކަން ފާހަގަކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ފަށާފައިވާ އެއްވެސް މަސައްކަތެއް ހުއްޓާލަން ބޭނުންނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިފަދަ ދަތި ހާލަތެއްގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ މަޝްރޫޢުތައް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް،" ވަޒީރު ވިދާޅުވިއެވެ.

މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ދިމާވެފައިވާ ގޮންޖެހުންތަކާއެކު މަޝްރޫޢުތަކުގެ ޓައިމްލައިނަށް ނުވަތަ ތާވަލަށް ބައެއް ބަދަލުތައް ގެންނަން ޖެހިދާނެ ކަމަށެވެ. އެހެންނަމަވެސް، އެ ބަދަލުތަކާއެކުވެސް މަސައްކަތްތައް މެދުނުކެނޑި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ވަޒީރު މުއްޠަލިބް ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން