ރަސްމާލެ ތަރައްޤީކުރުމަށްޓަކައި ކުރިއަށްގެންދާ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ބިނާރާ، ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އިޢުލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ދަށުން މިހާތަނަށް ވަރަށް ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. އެގޮތުން، މަޝްރޫޢުގެ 50 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއް، ނުވަތަ 504 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމާފައެވެ.
މި މަސައްކަތުގެ ބޮޑުމިނަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަކީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށްލުމުން ވާވަރުގެ ބޮޑު ސަރަހައްދެއް ކަމަށެވެ. "ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރުވަނީ ހިއްކިފަ. އެއީ 504 ހެކްޓަރު، އެއީ ނިސްބަތުން ބަލާ ކަމުގަ ވަންޏާ ހުޅުމާލެ ދެފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފަ އެއޮތީ، ބާކީ އޮތްބައި ހިއްކުމުގެ މަސައްކަތް ކުރިއަށްއެބަދޭ،" ވަޒީރު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދަނީ ޖުމްލަ 11 ސައިޓަކަށް ބަހާލައިގެންނެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ފަށްޓަވާފައިވާ އެންމެ މުހިންމު އެއް މަޝްރޫޢެވެ. ބާކީ އޮތް ބައި ހިއްކުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.