ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަޤާމަށް، މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މޫސާ ޒަމީރު މި މަޤާމަށް ޢައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށެވެ. މޫސާ ޒަމީރަކީ މިހާރުގެ ސަރުކާރުގައި މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އެލްޖީއޭގެ ބޯޑުގެ ރައީސަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާއި، ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެ އޮތޯރިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެކެވެ.
އެލްޖީއޭއަކީ ރާއްޖޭގެ ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ކައުންސިލްތައް ޖަވާބުދާރީކުރުވުމުގެ އެންމެ އިސް ޒިންމާ އުފުލާ އިދާރާއެވެ. މި އާ ޢައްޔަންކުރެއްވުމާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމާއި އިދާރީ ހިންގުން ހަރުދަނާކުރުމަށް އިސްކަންދެއްވާނެ ކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ގެނައުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.