ފެނަކައިން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފެނަކައިން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފޯރުކޮށްދެމުންދިޔަ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރަސްމީކޮށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ.

މި ޚިދުމަތްތައް ބަދަލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީޤެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުހަރެވެ.

މި ނިންމުމާއެކު، ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ދެން ބަލަހައްޓާނީ ސްޓެލްކޯއިންނެވެ. މި ބަދަލަކީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ނިންމެވި ނިންމުމެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީޤް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އާދަމް ތައުފީޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރެވުމާއެކު، ރައްޔިތުންނަށް ލިބެމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ.

މި ބަދަލަކީ ދައުލަތުގެ ކުންފުނިތަކުން ދޭ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އިޞްލާޙީ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން