ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންޑިއާގެ ރިޒާވް ބޭންކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި މިއަދު ޚަލާސްކޮށްފިއެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަޖެއްސި މި ފެސިލިޓީއަކީ ސާކް ގައުމުތަކަށް ކަނޑައަޅާފައިވާ 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް' ގެ ދަށުން ޔޫއެސް ޑޮލަރު އަދި ޔޫރޯ ވިންޑޯއިން ހަމަޖެއްސި ފައިސާއެވެ. މި ފައިސާ އެއްކޮށް އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުންދާކަމުގެ ހެތްކެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި ފައިސާ ދައްކައި ޚަލާސްކުރުމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު ބޮޑު އެހީއެއް ދިނުމަށް ނިންމިކަންވެސް އިއުލާނުކޮށްފައެވެ. އެގޮތުން، އޭރު ގާއިމުކުރެވުނު އެއްބަސްވުމުގައި ހިމެނުނު އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން ރާއްޖެއިން ފުރަތަމަ ފަހަރަށް ފައިސާ ނަގާފައިވާކަން އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި، އަލަށް ހަމަޖެހުނު 30 ބިލިއަން އިންޑިއަން ރުޕީސްގެ މި އެހީގެ ސަބަބުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކުން ސަލާމަތްވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މި ފެސިލިޓީގެ އުސޫލުތައް ކުރިއަށްވުރެ ލުއި ފަސޭހަކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.
މާލީ ހާލަތާ ގުޅޭގޮތުން ނެރުނު ބަޔާނުގައިވާ ގޮތުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ބަޖެޓަރީ ސަޕޯޓްގެ ތެރެއިން މިހާތަނަށް 50 މިލިއަން ޑޮލަރު ވަނީ އަނބުރާ ދައްކާފައެވެ.