ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް، އެއްވެސް އިތުރު ފީއަކާ ނުލައި ދިވެހި ރައްޔިތުންނަށް ހިލޭ ބަލާލެވޭނެ މަގު ފަހިކޮށްދީފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ޒުވާނުންނަށް ދިން ހަދިޔާއެއް ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަނީ ހާމަކޮށްފައެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޗެނަލްތަކުން ދެއްކުމަށްޓަކައި، މީޑިއާނެޓާއެކު ސަބް ލައިސެންސިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބު ވިދާޅުވީ، މިއީ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެއްވެސް ތަކުލީފެއް ނެތި މުބާރާތް ބަލާލުމަށް ރައީސް މުއިއްޒު ދެއްވި ވަރަށް ބޮޑު އިސްކަމެއްގެ ނަތީޖާ ކަމަށެވެ.
ފީފާ ވޯލްޑް ކަޕްގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓިން ލައިސެންސް މީޑިއާނެޓުން ނަގާފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓްގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް ފީއެއް ނުވަތަ ޕެކޭޖެއް ނެގުމަކާ ނުލައި މެޗުތައް ފެންނާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޓީވީ މޯލްޑިވްސް މެދުވެރިކޮށް މި މެޗުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަކީބު އިތުރަށް ވިދާޅުވީ، ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއްގެ އިތުރުން، މުބާރާތާ ގުޅުންހުރި ޕްރީ-ޝޯތަކާއި، ތަފާތު އެކިއެކި ޕްރޮގްރާމްތައް ޕީއެސްއެމްގެ "ޔެސް ޓީވީ" އަދި "ޓީވީ މޯލްޑިވްސް" މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
މި ނިންމުމާއެކު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ބަލާލުމަށް ދިވެހިން ކުރަންޖެހޭ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.